އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ަައުއްތަމަ ފަނޑިޔާރުކަމަށް މުއުސަތިމް އައްޔަން ކުރަން، މަޖިލީހުން ރުހުންދީފައިވަނީ 68 މެމްބަރުންގެ ވޯޓާއި އެކުއެވެ. އަދި ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން 64 މެމްބަރުން ވޯޓު ދެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމުގެ ކުރިން ސުއޫދު ވަނީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން އެ ނަމަކަށް ރުހުން ދިނުމުންނެވެ.
މިހާރު ސުޕްރީމް ކޯޓުގައި ދެން ތިއްބެވީ ދާދި ފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ޑރ. އަޒްމިރަލްދާ ޒާހިރް އާއި، އައިޝަތު ޝުޖޫންގެ އިތުރުން މަހާޒް އަލީ ޒާހިރް އެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނުއިރު، އެ ކޯޓުގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު މިހާރު އެ ކޯޓުގެ ބެންޗަކު ނެތެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަކީ ޖުޑީޝަރީ ދާއިރާ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ