ބަރަހަނާ ފޮޓޯ ލީކް ކުރާނެ ކަމަށް ބުނެ، ކުޑަކުއްޖަކު ބްލެކްމެއިލް ކުރި މީހަކު ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކައި ބްލެކްމެއިލް ކުރި ކަމަށް ތުހުމަތު ކުރެވޭ, ނ. އަތޮޅު ރަށެއްގެ މީހަކު، އެ ރަށު ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. މިއީ، ނ. އަތޮޅު ރަށެއްގެ ފިރިހެނަކު، ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި ހާދިސާއަކާ ގުޅިގެން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެދުތެރޭ އޭނާ ހައްޔަރު ކުރި މައްސަލައެވެ. އޭނާ ހައްޔަރުކޮށް ހަތަރު ފަހަރެއްގެ މަތިން ބަންދު އިތުރުކޮށްފައިވާއިރު، އޭނާ ޝަރިއަތް ނިމެންދެން ބަންދު ކޮށްދިނުމަށް ދައުލަތުން އެ ރަށު ކޯޓުގައި އެދުމުން ކޯޓުން ނިންމީ އޭނާ ދޫކޮށްލާށެވެ. އޭރު އޭނާއާ ދެކޮޅަށް ތިން ދައުވާއެއްވެސް އެ ކޯޓުގައި ވަނީ އުފުލާފައެވެ. އެ ރަށު ކޯޓުން، އޭނާ ބަންދުން ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން އެ މައްސަލައިގައި ތިން ފަނޑިޔާރުންގެ ތެރެއިން އަގުލަބިއްޔަތުން ނިންމީ އޭނާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށްވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށު ކޯޓުން އޭނާ ދޫކޮށްލީ، ހެއްކަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތް ކަމަށް ބުނެއެވެ. އެއީ، އަނިޔާ ލިބުނު ކުއްޖާއާއި ތުހުމަތު ކުރެވޭ މީހާ ދިރިއުޅެނީ ދެ ރަށެއްގައި ކަމަށްވެފައި، މައްސަލައާ ގުޅޭ ހެކިތަކަކީ ފޮރެންސިކް އަދި ޑިޖިޓަލް ވަސީލަތްތަކާ ގުޅޭ ހެކިތަކެއް ކަމަށް ބުނެއެވެ. އަދި އެ މުއާމަލާތްތަކަކީ ސޯޝަލް މީޑިއާގެ ޒަރީއާއިން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށްވެސް އެ ކޯޓުގެ ނިންމުމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ