އެމެރިކާގެ ރައީސްކަމުގެ ދެ ދަޢުރުގެ ތެރޭގައި، އެމެރިކާއިން ޙަމަލާދިން ނުވަތަ ދޭނެކަމަށް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވި ޤައުމުތަކުގެ އަދަދު މިހާރު 15އަށް އަރާފައިވާކަމަށް ސީއެންއެން ނޫހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅިއާ ގުޅުވައި، ޓްރަމްޕް އެންމެފަހުން އިންޒާރު ދެއްވާފައިވަނީ އޮމާނަށެވެ.
އެމެރިކާއިން އޮމާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވީ، އީރާނަށް ވާގިވެރިވެގެން ހުރްމުޒް ކަނޑުއޮޅީގެ ބާރު އޮމާނުން ނަގަން އުޅޭކަމުގެ ތުހުމަތު ކުރެއްވުމަށްފަހުއެވެ.
ސީއެންއެންއިން ގެނެސްދިން ރިޕޯޓުގައި ބުނީ، އެމެރިކާގެ ރައީސްކަމުގެ ދެ ދައުރުގެ ތެރޭގައި ޙަމަލާދިން އަދި ޙަމަލާދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ޤައުމުތަކުގެ އަދަދު މިހާރު 15އަށް އަރާފައިވާ ކަމަށެވެ.
އޭގެތެރެއިން ގިނަ ޤައުމުތަކަށް އެ އިންޒާރު އަމާޒުކުރައްވާފައިވަނީ، ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެން ފާއިތުވި 16 މަސް ދުވަހުގެ ތެރޭގައި ކަމަށް އެ ނޫހުން ބުންޏެވެ.
އެ ނޫހުން ބުނި ގޮތުގައި، ރައީސްކަމުގެ ދެވަނަ ދައުރުގެ ތެރޭގައި އީރާނު، އިރާޤު، ނައިޖީރިޔާ، ސޮމާލިޔާ، ސޫރިޔާ، ވެނެޒުއޭލާ އަދި ޔަމަނަށް އެމެރިކާ ސިފައިން ވަނީ ޙަމަލާދީފައެވެ. މީގެތެރެއިން ބައެއް ޤައުމުތަކަށް ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް ވަނީ ޙަމަލާދީފައެވެ.
މި ޖުމްލަ އަދަދުގައި، ޕެސިފިކް އަދި ކެރީބިއަން ކަނޑުގައި، މަސްތުވާތަކެތި އުފުލާކަމުގެ ތުހުމަތުގައި ވައިގެ ޙަމަލާތައް އަމާޒުކުރި އުޅަނދުތައް ނުހިމެނޭކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން، އެމެރިކާ ސިފައިން ވަނީ 60އަށް ވުރެ ގިނަ އުޅަނދަށް ޙަމަލާދީ، 190އަށް ވުރެ ގިނަ މީހުން މަރާލައިފައެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރުގެ ތެރޭގައި، ޓްރަމްޕް ވަނީ ކެނެޑާ، ކޮލޮމްބިއާ، ކިޔުބާ، ގްރީންލެންޑް، މެކްސިކޯ، ޕެނެމާ އަދި އޮމާނަށް ޙަމަލާދޭނެކަމުގެ އިންޒާރު ދެއްވައިފައެވެ.
ޙަމަލާދޭނެކަމުގެ އިންޒާރުގެ އިތުރުން، ކެނެޑާ، ކިޔުބާ، ގްރީންލެންޑް، ޕެނެމާ، އަދި ވެނެޒުއެލާއަށް އެމެރިކާ ސިފައިން އަރައި، އެ ޤައުމުތައް އިސްތިޢުމާރު ކުރާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އޮމާން ހިމެނޭހެން ޓްރަމްޕްގެ ހަމާލާގެ އިންޒާރު 15 ގައުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ