ފިޔާގެ އަގު އަދިވެސް ހެވެއް ނުވޭ، މިހާރު ކިލޯއެއް ހުރީ 35 ރުފިޔާއަށް

ބާޒާރުން ފިޔާ ލިބުން ދަތިވެ، މާލޭގެ ފިހާރަތަކުގައި ފިޔާގެ އަގު އުފެލެން ފަށައިފިއެވެ. އާންމުކޮށް 16 ނުވަތަ 18 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެއެވެ. އެކަމަކު، މިހާރު މާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެން ހުރީ 30 އާއި 35 ރުފިޔާއަށެވެ. 'ސަން'އާ ވާހަކަދެއްކި ވިޔަފާރިވެރިން ބުނި ގޮތުގައި، ފިހާރަތަކުގައި ފިޔާގެ އަގު އުފުލެން ފަށާފައިވަނީ ފިޔާ ލިބުން ދަތިވެފައިވާތީއެވެ. އޭގެ ތެރެއިން އެއް ވިޔަފާރިވެރިއަކު ބުނީ، ބާޒާރުން ވެސް ފިޔާ ލިބުން ދަތިވެފައިވާ ކަމަށާއި އެ ތަނުގައި މީހަކަށް އެންމެ ގިނަވެގެން ވިއްކަނީ ތިން ކިލޯ ފިޔާ ކަމަށެވެ. 'ސަން'އިން ސުވާލުކުރުމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނީގެ ފިޔާ ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ. މީހަކު ފިޔާބަސްތާއެއް ކޮނޑަށްލައިގެން ދަނީ: ފިޔާގެ އަގު ވަނީ އުފުލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ ގޮތުން، ފިޔާގެ އަގު އުފުލިގެން އުޅެނީ ވިއްސާރަވެ، ބޯޓެއް އައުން ލަސްވުމުން ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި، މި ހާލަތު އެސްޓީއޯއިން މޮނިޓާކުރަމުން އަންނަކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. ފިހާރަތަކުގައި ފިޔާ ކިލޯއެއް 35 ރުފިޔާއަށް ލިބުނު ނަމަވެސް، އެސްޓީއޯއިން 13 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެން އެބަހުއްޓެވެ. ފާހަގަކުރެވޭ ގޮތުގައި، ފިޔައަކީ އާންމުކޮށް ގޭބީސީތަކުގައި ބޭނުންކުރާ ބާވަތެއް ކަމަށްވާއިރު، ޚާއްސަކޮށް ރޯދަ މަހަށް ފިޔާގެ ޑިމާންޑު ބޮޑުވެއެވެ. އެއާއެކު، ތަކެތީގެ އަގުތައް ހެޔޮކުރުމަށް އެސްޓީއޯއިން އެތެރެކުރާ 23 ބާވަތުގެ ތެރޭގައި ވެސް ފިޔާ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ