ޖިންސީ އަނިޔާގެ ބްލެކްލިސްޓުގައި އދ.އިން އިޒްރޭލު ހިމަނައިފި

ހަނގުރާމަތަކާ ގުޅުންހުރި ޖިންސީ އަނިޔާގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ބްލެކްލިސްޓަށް އިޒްރޭލު އިތުރުކޮށްފައިވާ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.
މިކަމާ ގުޅިގެން އިޒްރޭލުން ވަނީ ވަރުގަދަ ރައްދެއްދީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ އޮންނަ ހުރިހާ ގުޅުމެއް ކަނޑާލާނެކަން އިއުލާނުކޮށްފަ އެވެ.
އިޒްރޭލު މި ލިސްޓަށް އިތުރުކޮށްފައިވަނީ، ގާޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖިންސީ އަނިޔާގެ މައްސަލަތައް ހިމަނައިގެން އިއްޔެ ނެރުނު އދ.ގެ ރިޕޯޓެއްގަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ހިމެނޭހެން 31 ހާދިސާއެއް އދ. އިން ވަނީ ކަށަވަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޭޕްކުރުމާއި ރޭޕްކުރަން އުޅުމާއި ޖިންސީ ގުނަވަންތަކަށް އަނިޔާކުރުމާއި މަޖުބޫރުން އޮރިޔާންކުރުމާ އަދި އަބުރާ ބެހޭ ފަދަ ގޮތްގޮތަށް ހަށިގަނޑު ބަލައި ފާސްކުރުން ފަދަ ލާއިންސާނީ އަމަލުތައް ހިމެނެ އެވެ. މި އަމަލުތައް ހިންގާފައިވަނީ އިޒްރޭލުގެ ހަތިޔާރުއެޅި ސިފައިންނާއި ސަލާމަތީ ބާރުތަކުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އިޒްރޭލުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އދ.އަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ މި ތުހުމަތުތަކަކީ ބޮޑު ޖޯކެއް ކަމަށާއި މިކަންކަން ތަހުގީގުކުރުމަށް އދ.ގެ މަންދޫބުންނަށް ދައުވަތު އެރުވުނު ނަމަވެސް އެ ބޭފުޅުން ޒިޔާރަތް ނުކުރައްވާ ކަމަށެވެ.
މިއަށް ރައްދުދެއްވަމުން އދ.ގެ އޮފިޝަލަކު ވިދާޅުވީ، މިފަދަ ކަންކަން ހުއްޓުވުމަށާއި ފިޔަވަޅު އެޅުމަށް އިޒްރޭލުން ކުރާ މަސައްކަތްތަކުގެ މައުލޫމާތަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް، އެކަންކަން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ އަސާސީ އެއްވެސް ކަމަކަށް އިޒްރޭލުން ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ޔޫކްރެއިންގައި ހިންގާފައިވާ ހަނގުރާމައާ ގުޅުންހުރި ޖިންސީ އަނިޔާގެ މައްސަލަތަކާ ގުޅިގެން، ރަޝިޔާ ވެސް ވަނީ މި ބްލެކްލިސްޓަށް އިތުރުކޮށްފަ އެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ނިމިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތަކާ ގުޅުންހުރި ޖިންސީ އަނިޔާގެ 10,000އެއްހާ މައްސަލަ އދ. އިން ރެކޯޑުކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނައަށް ވުރެ ބޮޑު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ