ލިވަޕޫލް ބަލިކޮށް ވިލާ އިން ޗެމްޕިއަންސް ލީގު ޖާގަ ޔަގީންކޮށްފި

ބާމިންހަމް (މެއި 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް 4-2 އިން ބަލިކޮށް، އެސްޓަން ވިލާ އިން  އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންކޮށްފި އެވެ. 
ރޭގެ މޮޅާ އެކު، ވިލާ އިން ވަނީ ލިވަޕޫލް ފަހަތަށް ޖައްސާލައި، ލީގު ތާވަލުގައި ހަތަރަކަށް ޖެހިލައިފި އެވެ. ވިލާ އަށް 37 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ވަނީ 37 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. 
ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގައި އެސްޓަން ވިލާ އިން ވަނީ 42 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މިއީ، އެސްޓަން ވިލާގެ ވާތުބެކް، ލޫކަ ޑީންޏާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާތެރޭގައި ހުރެފައި މޯގަން ރޮޖާސް ގޯލުގެ ދުުރު ކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ދެ ވަަނަ ހާފުގެ ކުޅުން ފަށައިގެން، ހަތް މިނިޓް ތެރޭ، މެޗުގެ 52 ވަނަ މިނިޓްގައި ލިވަޕޫލުން އެއްވަރުކުރި އެވެ. މިއީ، ޑޮމިނިކް ސޮބޯސްލާއި ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަކުން ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލެކެވެ. އެކަމަކު، ލިވަޕޫލުން އެއްވަަރުކުރިތާ ފަސް މިނިޓް ފަހުން ވިލާ އިން ވަނީ ލީޑުނަގައިފަ އެެވެ. މިއީ، ސޮބޯސްލާއި އަތުން ގެއްލުނު ބޯޅައެއް ހޯދައި، ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮލީ ވަޓްކިންސް އޭރިއާތެރެއިން ޖެހި ގޯލެކެވެ. 
މެޗުގެ 72 ވަނަ މިނިޓްގައި ލިވަޕޫލް ކޮޅަށް ވިލާ އިން ވަނީ ތިން ވަނަ ލަނޑު ޖަހައި ލީޑުފުޅާކޮށްފަ އެވެ. މިއީ، އޭރިއާތެރެއިން ލިވަޕޫލްގެ ކީޕަރު، ޖިއޮޖީ މަމަޑާޝްވިލީ އަތުގައި ޖެހިފައި ނުކުތް ބޯޅައަކުން ވަޓްކިންސް ޖެހި ގޯލެކެވެ. އަދި،މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ އެއް މިނިޓް ކުރިން، ވަޓްކިންސް ދިން ބޯޅައަކުން ޖޯން މެކްގިން ވަނީ ވިލާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާ ރޮނގުމަތިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. 
ލިވަޕޫލުން ވަނީ މެޗުގެ އިތުރު ވަގުތުގައި ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ، ސޮބޯސްލާއި ނެގި ހުރަހަކުން ވެން ޑައިކް ޖެހި ގޯލެކެވެ. 
މި ނަތީޖާއާ އެކު، ލިވަޕޫލް މި ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 20 މެޗުން ބަލިވެފަ އެވެ. މިއީ، 21 ވަނަ ގަރުނު ތެރޭގައި ލިވަޕޫލުން އެންމެ ގިނަ މެޗުން ބަލިވި ސީޒަނެވެ. މި ގަރުނުގައި މީގެ ކުރިން ލިވަަޕޫލް އެންމެ ގިނަ މެޗުން ބަލިވީ 2024/25 އާއި 2009/10 ވަނަ ސީޒަނުގަ އެވެ. އެ ދެ ފަހަރު ވެސް އެ ޓީމުގެ ކޯޗަކަށް ހުރީ ރަފައެލް ބެނިޓޭޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ