އަމާޒަކީ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން: ޑރ ޝަހީމް

މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި  އަމާޒަކީ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ.
ވަޒީރުގެ މެސެޖުގައި އިސްލާމީ ދާއިރާއިން މި އަހަރު ހާސިލުކުރަން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތަކެއް ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގައި ތިބި ޒުވާން ޚަޠީބުންގެ ޢަދަދު ހާހަކަށް އަރާނެ ކަމަށާއި، ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމަށް ލަފާކުރެއްވޭ ކަމުގައި ޑރ. ޝަހީމް ވިދާޅުވި އެވެ.
ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބިޔަ ބޮޑު ވަޤުފު ބިނާތައް މި އަހަރު ނިމޭނެ ކަމަށެވެ. އަދި ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ، މިހާރު ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމުމަކާ ގާތްވާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ހުޅުމާލޭގައި ބިނާކުރެވޭ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ވަޒީރުގެ ބޮޑު އުންމީދެކެވެ. އަދި އަތޮޅުތަކާއި ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިމި، މި އަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ބިންގާ އެޅިގެންދާނެ އަހަރެއް ކަމަށެވެ.
ވަޒީރުގެ މެސެޖު ނިންމަވާލެއްވީ ކުރިއަށް އޮތް ޖީލުތަކަށް އޮތް ތަޞައްވުރު ހާމަކުރައްވަމުންނެވެ. ”އަޅުގަނޑުމެންގެ ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން،“ ޑރ. ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ