ޔަމާލްގެ އަލަތު ވޯލްޑް ކަޕް މެޗު: ކުޑަކުޑަ ކޭޕް ވާޑޭ އަތުން ސްޕެއިން ފުއްދާލީ ޕޮއިންޓަކުން

ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ގާތްގަނޑަކަށް ފަސް ލައްކައިގެ އާބާދީއެއް އޮތް ކޭޕް ވާޑޭއިން، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ އެއްވަރުކޮށްފިއެވެ. އެޓްލާންޓާގައި ކުޅުނު މި ފޯރިގަދަ މެޗަކީ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ ފުރަތަމަ ވޯލްޑް ކަޕް މެޗެވެ. ފީފާ ރޭންކިންގެ 67 ވަނައިގައި އޮތް ކޭޕް ވާޑޭއަކީ ވޯލްޑް ކަޕަށް ކޮލިފައިވި އާބާދީގެ ގޮތުން ތިންވަނައަށް އެންމެ ކުޑަ ގައުމެވެ. އެ ގައުމުގެ އާބާދީއަކީ އެންމެ ފަސް ލައްކައެއްހާ މީހުންނެވެ. މިއާ ޚިލާފަށް ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް އަދި 47 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭއިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ އޮހިފައެވެ. މި މެޗުގައި ކޭޕް ވާޑޭގެ ބަތަލަކަށްވީ އެޓީމުގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާއެވެ. ސްޕެއިންގެ ވަރުގަދަ ހަމަލާތައް ހުޝިޔާރުކަމާއެކު ދިފާއުކޮށް، އޭނާ ވަނީ މުޅި މެޗުގައި ތައުރީފު ހައްގު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ސްޕެއިންގެ ފެރާން ޓޮރޭޒަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވާއިރު، މެޗުގެ ފަހުކޮޅު މިކެލް އޮޔާޒަބާލް ފޮނުވާލި ނުރައްކާތެރި ހަމަލާ ކޭޕް ވާޑޭގެ ރޮބާޓޯ ލޮޕޭޒް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ކޭޕް ވާޑޭއިން ލީޑު ނެގުމާ ދާދި ގާތަށްދިޔައެވެ. ނަމަވެސް އެޓީމުގެ ޑިނޭ ބޯޖަސް ބޮލުން ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޮން ވަނީ ދިފާއުކޮށްފައެވެ. މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު ބާސެލޯނާގެ މެޗެއްގައި ލިބުނު އަނިޔާއަކަށްފަހު ކުޅުމާ ދުރުގައި ހުރި ލަމީން ޔަމާލް، މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނިކުތުމާއެކު ސްޕެއިންގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައެވެ. ނ ޔޫރޯ 2024 ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި 18 އަހަރުގެ ޔަމާލްގެ މި އަލަތު ވޯލްޑް ކަޕް މެޗާއެކު ސްޕެއިންގެ ސަޕޯޓަރުންގެ ފޯރި ގަދަވި ނަމަވެސް، ކޭޕް ވާޑޭގެ ޑިފެންސް ފޫއަޅުވާލައި މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް އޭނާއަކަށްވެސް ނުވިއެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ސްޕެއިން ނިކުންނާނީ ސައުދީ އަަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 21 ވާ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 21:00 ގައެވެ. ސްޕެއިންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ އުރުގުއާއީއާއެވެ. މި ފޯރިގަދަ މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖޭގަޑިން 05:00 ގައެވެ. ކޭޕް ވާޑޭގެ ދެވަނަ މެޗުގައި ޖޫން 22 ވާ ހޯމަ ދުވަހުގެ ފަތިހު ރާއްޖެގަޑިން 03:00 ގައި ވާދަކުރާނީ ވަރުގަދަ އުރުގުއާއީއާއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޭޕް ވާޑޭ ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ފަތިހު ރާއްޖެގަޑިން 05:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ