މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް" ގެ ދެވަނަ ބުރަަށް ހުޅުވާލައިފިއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިންގަމުންގެންދާ ޕްރޮގްރާމްއެކެވެ. މި ފައިނޭންސިންގެ ދަށުން ދަނޑުވެރިކަމުގެ އެކި މަސައްކަތްތަކަށް 2 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ހޯދުމަށް އެދި ހުށަހެޅޭނެއެވެ.
"ދަނޑުވެރި މަންފާ" ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްއާއި އެކު ކުރިއަށްގެންދާ މި ސްކީމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
ގްރާންޓްގެ ފުރަތަމަ ބުރު ނިންމާފައިވަނީ 15 ދަނޑުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބޮޑު ކުރިއެރުމަކާ އެކުކަމަށް އެސްއެމއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުވެސް ހުޅުވާލާފައިވަނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ. މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެންމެ ގިނަވެގެން 150،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫއަށް ހިނގާ ހަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއް ހިލޭ އެހީގެ ގޮތުގައި ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މަޝްރޫއު ފުރިހަމަކުރުމަށްޓަކައި ބޭނުންވާ އިތުރު ފައިސާ، އަމިއްލަ ހަރަދުގައި ނުވަތަ ދަނޑުވެރި ނަފާ ފައިނޭންސިންގ މެދުވެރިކޮށް ފުރިހަމަކުރާގޮތަށް މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
މި ފައިނޭންސިންގ އާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، އެގްރިބިޒްނަސް މެޗިންގ ގްރާންޓް ޕްރޮގްރާމަކީ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ލިބިގެންދާ އަގުހުރި ފުރުސަތެއްކަމަށެވެ. ހިލޭ އެހީގެ ފައިސާއާއި، އަމިއްލަ ފައިސާ ނުވަތަ ފައިނޭންސިންގ ފެސިލިޓީއާއި މެޗްކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން، ދަނޑުވެރިންނަށް އުފުލަންޖެހޭ މާލީ ބުރަ ކުޑަވެ، އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، އަދި ދެމެހެއްޓެނިވި ކުރިއެރުމަށް އިންވެސްޓްކުރުމަށް ބާރުލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އަދި ކޮންމެފަދަ ހާލަތަކަށްވެސް އެކަށޭނެ ހަރުދަނާ ދަނޑުވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށްވެސް ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްއަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރެއެވެ. ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކަރާ ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށްދެއެވެ.
މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.
ދަނޑުވެރި މަންފާ އެގްރިބިޒްނަސް މެޗިން ގްރާންޓަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ