އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ޚިދުމަތްފުޅާކުރުމަށްޓަކައި، މުހިއްމު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންދާކަމަށް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ޢުމްރާރީ ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް އިތުރުކުރުމުގެ އެކި މަޝްރޫޢުތައް ހިމެނެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގެ ދެކުނުގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. އެހެންކަމުން އެހޮސްޕިޓަލުގެ ތަރައްޤީއަކީ ގިނަ ރައްޔިތުންތަކަކަށް އޭގެ މަންފާކުރާނެ މުހިއްމު ކަމެކެވެ.
ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވީ އޭއީއެޗްގެ ތަރައްޤީއާއި ގުޅުންހުރި މުހިއްމު މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ.
ގިނަ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ޚިދުމަތަކީ ޕްރައިވެޓް ރޫމްގެ ޚިދުމަތްކަމަށްވާތީ، ހޮސްޕިޓަލްގައި އެކަމަށް ޚާއްޞަ ވަކި އިމާރާތެއް ތަރައްޤީކުރުމަށް ބީއެމްއެލްގެ މަޝްރޫޢެއްގެ ތެރެއިން ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މި މަޝްރޫޢުގެ ދަށުން 3 ފަންގިފިލާގައި 10 ޕްރައިވެޓް ކޮޓަރި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އެއީ 50 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
"ގިނަ ބޭފުޅުން އެންމެ ބޭނުންފުޅުވާ އެއް ޚިދުމަތަކީ ޕްރައިވެޓް ރޫމްގެ ޚިދުމަތް. އެހެންކަމުން މިހާރު ބީއެމްއެލް ޕްރޮޖެކްޓެއްގެ ދަށުން އެމަސައްކަތް އެބަކުރިއަށްދޭ. ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބިން ހަވާލުކުރާނެ." ސީއީއޯ ޑރ. އަދީލް ވިދާޅުވިއެވެ.
އޭއީއެޗްގެ ތަރައްޤީއަށް 150 މިލިޔަން ރުފިޔާގެ އެކި މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާކަމަށް ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރު ވިދާޅުވިއެވެ.
އެގޮތުން ހޮސްޕިޓަލްގައި ހުރި މަތީ ފަންތީގެ އެގްޒެކެޓިވް ރޫމްތަކުގައި ހުންނަންޖެހޭ ސްޓޭންޑަޑަށް ގެނައުމަށްޓަކައި 20 މިލިޔަން ރުފިޔާގެ މަޝްރޫޢު މިހާރުވަނީ ޑިޒައިންކޮށްފައެވެ. ހަމައެއާއެކު ދެކުނުގެ އަތޮޅުތަކުގައި މުހިއްމު ގިނަ ޑައިވިން ސަރަޙައްދުތައް ހުރިއިރު، ޑީކޯވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ހައިޕަރބެރިކް ޗެމްބަރު ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މީގެއިތުރުން ތެރަޕިއުޓިކް ފަރުވާއިތުރަށް ފުޅާކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޚިދުމަތްދޭނެ އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އެހޮސްޕިޓަލުންދަނީ ކުރައްވަމުންނެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ އިތުރުން ކުއްލި ޙާލަތްތަކުގައި ދެކުނުގެ އެހެން އަތޮޅުތަކުންވެސް ބަރޯސާވާ ހޮސްޕިޓަލެވެ. އެހެންކަމުން އެހޮސްޕިޓަލް ތަރައްޤީކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ޞިއްޙީ ފަރުވާއަށް މާލެއަށް އައިސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފަށް ނިމުމެއް އަންނާނެކަމެކެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ