ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔަގޮތަށް އައިސްފައި ނުވާތީ، އޭނާއާ ޖާމިނުވެފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ(އަޑުބަރޭ)އަށް ފިޔަވަޅު އަޅައިދުނުމަށް ކުރިމިނަލް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދެވަނަ ފަހަރަށް އެދުމުންވެސް ފިޔަވަޅު ނޭޅުމަށް އެ ކޯޓުން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައި، އޭނާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ދިނީ ކަނޑައެޅިފައިވާ މުއްދަތު ތެރޭ އޭނާ އެނބުރި ރާއްޖެއަށް އަންނާނެ ކަމުގެ ޔަގީންކަން އަސްހަދު ދޭ ގޮތަށެވެ. ނަމަވެސް މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައި ނުވާތީ ޖޫން މަސް ތެރޭ ވެސް އަސްހަދާ މެދު ފިޔަވަޅު އެޅުމަށް ޕީޖީ އޮފީހުން އެދުނެވެ. ނަމަވެސް އެ ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ އަސްހަދާ މެދު ފިޔަވަޅު އެޅެން ނެތް ކަމަށެވެ.
އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. ޕާސްޕޯޓު މައްސަލައިގައި ހައި ކޯޓުން މިމަހު 12ގައި ނިންމީ:
ދައުލަތުން އެދުނީ ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން ކަމަށް ވާތީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް
އެ ހުކުމުގައި އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ އަސްހަދަށް ފިޔަވަޅު އަޅާފައި ނުވާކަން
ވީ ކިހިނެއް؟ - ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިރޭ 'ދައުރު' އަށް ވިދާޅުވީ، ހައި ކޯޓުން އެގޮތަށް ނިންމުމާ އެކު ޖެހިގެން އައި ދުވަހު އަސްހަދާ މެދު ފިޔަވަޅު އެޅުމަށް އަނެއްކާވެސް ކުރިިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް އެއީ ކުރިން ވެސް އެ ކޯޓުން އެކަމުގައި ގޮތެއް ނިންމާފައިވާ ކަމެއް ކަމަށް ބުނެ ފިޔަވަޅު ނޭޅުމަށް ގާޒީ ހަސަން ސައިދު ނިންމަވައި މައްސަލަ ބޭރުކޮށްލެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖޫން މަހު ކޯޓުން ނިންމީ، އަސްހަދަށް ފިޔަވަޅު ނޭޅޭނެ ކަމަށް އަދި އޭނާގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ކޯޓުގެ ހުރުމަތް ކެނޑިކަމުގެ އަމަލެއް ފެނިއްޖެ ނަމަ ފިޔަވަޅު އެޅެނޭ ކަމަށް. ދެވަނަ ފަހަރަށް ހުށަހެޅުމުން ކޯޓުން ނިންމީ ޖޫން މަހު ތެރޭ ގޮތެއް ނިންމާފައިވާ ކަމަށް،" ޝަފީއު ވިދާޅުވި އެވެ.
"ޖޫން މަހުގެ އެ ނިންމުމާ ދޭތެރޭ ވެސް އަޅުގަނޑުމެން ހިތްހަމައެއްނުޖެހޭ. އެއީ ކޯޓުގެ ނިންމުމެއް ކަމަކަށް ވެސް ނުފެނޭ. އެއީ އިސްތިއުނާފު ކުުރެވޭ ކަހަލަ ނިންމުމެއް ވެސް ނޫން."
އަސްހަދަކީ ސާފް ޗެމްޕިއަންޝިޕަށް ހޮވާފައިވާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޝަފީފު އިތުރަށް ވިދާޅުވީ:
ދެވަނަ ފަހަރަށް ފިޔަވަޅު އެޅުމަށް ހުށަހެޅި އަނެއް ސަބަބަކީ އިސްތިއުނާފު ނުކުރެވޭ ގޮތަށް ނިންމުން ނިންމާފައިވާތީ
އިސްތިއުނާފް ނުކުރެވެނީ، އެ ނިންމުމަށް ކޯޓުން ވާސިލުވި ސަބަބުތައް ހާމަނުކޮށް ނިންމި ކަމަކަށް ވާތީ
"އެ ސަަބަބުތަކުގެ މައްޗަށް އަޅުގަނޑުމެންނަށް އިސްތިއުނާފު ނުކުތާ ތައްޔާރު ކުރެވޭނީ. އެހެންވެ އެއީ އިސްތިއުނާފު ކުރެވޭ ނިންމުމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނުނު،" ޝަފީއު ވިދާޅުވި އެވެ.
މުހިންމު ވާހަކައެއް - މިކަމުގައި ޕީޖީ އޮފީހުން ގޮތް ހުސްވެފައިވާއިރު، ޝަފީއު ވިދާޅުވީ ފަހުން ނިންމި ނިންމުމާމެދު "އަމަލު ކުރާނެ ގޮތެއް އަދި ނުނިންމާ" ކަމަށެވެ. އެކަމާ މެދު މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ޖިނާއީ އިޖުރާތުގެ ގާނޫނުގައިވާ ގޮތުން ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ އެވެ. އެޅިދާނެ ފިޔަވަޅުތަކަކީ:
އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން
ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން
15،000ރ އާ ހަމައަށް ޖޫރިމަނާކުރުން
ޕީޖީން އެދުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް އަސްހަދު ޖަލަށްލުމަށެވެ.
އަސްހަދަށް ކޯޓުން ދެންވެސް ފިޔަވަޅެއް ނޭޅި؛ ޕީޖީ އޮފީސް ގޮތް ހުސްވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ