އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލައިގައި މެންބަރުންގެ ކަންބޮޑުވުމާއި ނުރުހުން ބީއެމްއެލް އަށް

ބީއެމްއެލްގެ އެކައުންޓުތަކުން ވެރި ފަރާތަށް ނޭނގި ފައިސާ ނަގައި މުއާމަލާތުކުރަމުންދާތީ ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސްކުރެއްވި ގިނަ މެންބަރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މެންބަރުންގެ ނުރުހުން ބޭންކަށް އަމާޒުވެއްޖެއެވެ.
މި މައްސަލައަކީ އާންމުންގެ ކަންބޮޑުވުން އޮތް ބޮޑު މައްސަލައެއް ކަމާއި، ބީއެމްއެލްގެ އެކައުންޓުތަކުގައި ހުންނަ ފައިސާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭންކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަން މެންބަރުން ފާހަގަކުރެއްވިއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސްކުރައްވަމުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ބީއެމްއެލްގެ އެކައުންޓުތަކުން ނޭނގި ފައިސާ ނަގައި މުއާމަލާތުކުރާ މައްސަލަ ބޮޑުވެ ދިގުލައިގެން ހިނގައްޖެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންނާއި އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކޮށް ވަގުތުން ފިޔަވަޅު އަޅަން ޖެހެއެވެ. އަދި ބީއެމްއެލުން ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން މި މައްސަލަ ބަލަމުންދާ ކަމަށާއި، މައްސަލަ ދިރާސާކޮށް ބެލުމަށް ފަހު ތަޅުމަށް ރިޕޯޓު ހުށަހަޅުއްވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކާއި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތައް ހާޒިރުކޮށް، މައްސަލަ ކުރިއަށް ނުދަނީ ކީއްވެތޯ މަޖިލީހުން ބަލާނެ ކަމަށެވެ.
މި މައްސަލައަކީ ބީއެމްއެލްގެ އެތެރޭގެ މައްސަލައެއް ކަމަށް އިބްރާހީމް ރަޝީދު ތުހުމަތުކުރައްވައެވެ.
މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ މިފަދަ މައްސަލައެއް އަމިއްލަ ކުންފުންޏަކުން ހުށަހަޅާފައި ވުމުން ބީއެމްއެލް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރެވުނު ކަމަށެވެ.
އެގޮތުން ބީއެމްއެލާ ސުވާލުކުރުމުން، ކަސްޓަމަރުންގެ ފަރާތުން ކުރެވޭ ބައެއް ކަންކަން ބޭންކުން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށްޓަކައި ތަހްގީގީ އިދާރާތައް ވަރުގަދަކޮށް، މިފަދަ މައްސަލަތައް ބެލޭނެ ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ.
ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ޓެކްނޮލޮޖީގެ ބޭނުންކުރަނީ ބީއެމްއެލްގެ އެކައުންޓުތަކުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ނޭނގި ބަދަލުކުރުން ފަދަ މައްސަލަތައް ބަލައި ހުއްޓުވަން ކަމަށާއި، އެފަދަ މުއާމަލާތްތައް ކުރުމަށް މަގުފަހިކުރުމަށް ނޫން ކަމަށެވެ.
މެންބަރު އިބްރާހީމް ރަޝީދެކޭ އެއްގޮތަށް، އަފީފް ވެސް ވަނީ، މިއީ ބީއެމްއެލްގެ އެތެރޭގެ މައްސަލައެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެވެ.
އާންމުން ބުރަ މަސައްކަތުން ހޯދާ ފައިސާ އެކައުންޓުތަކަށް ޖަމާކުރަނީ ރައްކާކުރުމަށް ކަމަށާއި، ބީއެމްއެލުން އެ ފައިސާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް އެއްބަސްވާކަން ފާހަގަކުރައްވައި އަފީފް ވިދާޅުވި ގޮތުގައި، މި މައްސަލަ އަށް ބީއެމްއެލުން ފުރިހަމަ އަށް ޒިންމާ ނަގަން ޖެހޭނެއެވެ.
އޭނާ ވިދާޅުވީ، ބޭންކިން ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ވެސް ރައްކާތެރިކަމާ އެކު ފައިސާ ބެލެހެއްޓޭނެ ގޮތެއް ހޯދަން ވެއްޖެ ކަމަށެވެ.
މީގެ އިތުރުން ވެސް މި މައްސަލަ އަށް ބަހުސްކުރެއްވި މެންބަރުން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ
ބީއެމްއެލްގެ އެކައުންޓުތަކުން ގިނަ އަދަދަކަށް ފައިސާ ގެއްލި ސްކޭމްތަކެއް ހިނގަމުންދާއިރު، އެފަދަ ކަންކަމުގައި ބީއެމްއެލްއާއި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުންގެ ތެރެއިން ގިނަ މީހުން ތުހުމަތުކުރެއެވެ.
މި މަހުގެ ތެރޭގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ބީއެމްއެލް އެކައުންޓަކުން ގެއްލުނު ބޮޑު ސްކޭމެއް ހިނގާފައިވާއިރު އެ ސްކޭމް ހިނގާފައިވަނީ ބީއެމްއެލް ކިއުއާރް ކޯޑް ބޭނުންކޮށްގެންނެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ