ޖޫން މަހުން ފެށިގެން ކުންޏާއި ކަރަންޓު އެއް ބިލެއްގައި

މި ފެށޭ ޖޫން މަހުން ފެށިގެން ފޮނުވާ ކަރަންޓު ބިލުތަކުގައި ކުނި އުކާލުމުގެ ފީ ހިމަނައި، ދެ ބިލު އެއްކޮށްލުމަށް ސްޓެލްކޯ އާއި ވެމްކޯ އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ސްޓެލްކޯ އާއި ވެމްކޯ އާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައިވާ ގޮތުން، ކަރަންޓު ބިލަށް 34 ޔުނިޓަށް ވުރެ މަދުން އަރާނަމަ، ބަލާފައި ވަނީ އެ ގެއަކީ ކުނި ނުއުފައްދާ ގެއެއްގެ ގޮތުގައެވެ. ހަމަ އެއާއެކު، ބިލުގައި ކުނި އުކާލުމުގެ ފީ ހިމެނޭނީ ކަރަންޓުގެ ހިދުމަތަށް ބިލުކުރާ މުއްދަތަށެވެ.
ކުނި އުކާލާ ކުންފުންނި ވެމްކޯގެ ހިދުމަތަށް ދައްކަން ޖެހޭ މަހު ފީ މާލޭގެ ގިނަ ގޭބިސީތަކުން ނުދައްކާ މައްސަލަ ބޮޑުވެ، އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދެ ބިލު އެއްކޮށްލައި ކުނި އުކާލުމުގެ ފީ ކަރަންޓު ބިލުގައި ހިމަނަން ތިމާވެއްޓާ ބެހޭ ވުޒާރާ އިން ނިންމީއެވެ.
އަންނަ މަހުން ފެށިގެން އެގޮތަށް ބިލުކުރަން ނިންމައި، ދެ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ސްޓެލްކޯ އާއި ވެމްކޯ އިން ވަނީ މިއަދު ސޮއިކޮށްފައެވެ. ސްޓެލްކޯގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.
ދެ ބިލު އެއްކޮށްލައިގެން ފަށާ މި ހިދުމަތާ އެކު އަމަލުކުރަން ޖެހޭ ގަވައިދެއް މިނިސްޓްރީން ވަނީ މިއަދު އާންމުކޮށްފައެވެ. އެ ގަވައިދުގައިވާ ގޮތުން:
ދެ ބިލު އެއްކޮށްލުމުން އާންމުންނަށް ފަސޭހަ ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ބުނާ ގޮތުން، ދެ ބިލު އެއްކޮށްލުމުގެ ސަބަބުން ވެމްކޯ އަށް ފީ ދެއްކުމުގެ އުނދަގުލަށް ނިމުން އައިސް، ވެމްކޯގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ފުޅާކުރުމަށް މަގުފަހިވެގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ