ކުރީ ސަރުކާރުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން އެންމެ ގިނައިން ބަދަލު ދީފައި ވަނީ، ކުރީ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންނަށް ކަމަށާއި، އެގޮތުން 6.8 މިލިއަން ރުފިޔާގެ ބަދަލެއް ދީފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޖެނުއަރީ 2019 ގައި ސެޓްލްމަންޓް ކޮމިޓީއެއް އުފެއްދީ، ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާ ގުޅޭ ގޮތުންނެވެ.
އެ ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ 19 ފެބްރުއަރީ 2020 ގަ އެވެ. އެއަށް ފަހު، ކޮމިޓީގެ މަސައްކަތް ހުއްޓި އެންމެ ފަހުން 15 ސެޕްޓެމްބަރު 2020 ގައި ރައީސް ވަނީ އެ ކޮމިޓީ އުވާލައްވައިފަ އެވެ.
ރައީސް އޮފީހުން މި ބަޔާން ނެރުނީ ސެޓްލްމަންޓް ކޮމިޓީގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އޭސީސީން ހެދި ދިރާސާ ރިޕޯޓަކުން ދެއްކުމުން، އެކަމަށް ރައްދުދީފަ އެވެ. 
ބުނީ ކީކޭ؟ - ރައީސް އޮފީހުގެ ބަޔާނުގައި ބުނީ 6.8 މިލިއަން ރުފިޔާގެ ބަދަލު ދިނީ، އޭރު ކޮމިޓީއަށް ހުށައެޅި 37 މައްސަލައެއްގެ ތެރެއިން 19 މީހަކަށް ކަމަށެވެ. ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކުރީ ހަމައެކަނި ނޫމަޑި މައްސަލަ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ތަފްސީލް - ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އެދުނެވެ. މައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފި ނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ސަރުކާރުން ނިންމީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން އޮގަސްޓު 2019 ގައި އެއްބަސްވި އެވެ. އެ ފައިސާ މިހާރު ވަނީ ނޫމަޑިއަށް ދީފަ އެވެ.
ރައީސް އޮފީހުން ބުނީ ނޫމަޑި ފިޔަވައި އިތުރު ކުންފުންޏަކަށް ސަރުކާރުން ބަދަލު ދީފައި ނުވާނެ ކަމަށެވެ.
ކުރީ ސަރުކާރުން ވަޒީފާއިން ވަކިކުރި މައްސަލަތަކުގެ ތެރެއިން ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާގައި 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ އެ މައްސަލަތަކުގައި އަމަލުކުރީ ޝަރީއަތުގެ އާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ އެފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ސަރުކާރުގެ މަސްލަހަތަށާއި ހަމަހަމަ އުސޫލަކުން އަމަލްކުރަން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ އަދަދަކީ، 1 އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. 
ރައީސް އޮފީހުން ބުނި ގޮތުގައި މީހުން އެދިފައި ހުންނަނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް މުސާރަ އާއި އިނާޔަތްތައް ނަގައި ދިނުމަށެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި އަދަދަކީ ޝަރުއީ މަރުހަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ އެއްޗެއް ކަމަށް ވެސް، ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ