ސްކޫލް އެތުލެޓިކްސް މުބާރާތް: މޮޅު ސްކޫލުގެ މަޤާމު އައްޑޫ ހައި ސްކޫލާއި އެމްޖޭއެސްއަށް

އައްޑޫ ސިޓީގައި ކުރިއަށްދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ މަޤާމު އައްޑޫ ހައި ސްކޫލާއި ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ހޯދައިފި އެވެ.
މުބާރާތުގައި ޖުމްލަ 31 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ. މީގެތެރެއިން މުބާރާތުގެ އެންމެ މޮޅު ސްކޫލުތަކުގެ ތެރެއިން އައްޑޫ ހައި ސްކޫލުން ވަނީ 20 އަހަރުންދަށުގެ ފިރިހެން އަދި އަންހެން ބައިގެ އެއްވަނަ ހޯދާފައެވެ. އަދި އެމްޖޭއެސް ވަނީ 15 އަހަރުގެދަށުގެ އަންހެން އަދި ފިރިހެން ބައިން އެއްވަނަ ހޯދާފައެވެ.
މުބާރާތުގެ 17 އަހަރުންދަށުގެ ފިރިހެން އެންމެ މޮޅު ސްކޫލަކަށް ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޮވުނުއިރު މި އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލެވެ. އަދި 13 އަހަރުންދަށުގެ ފިރިހެން ބައިން އެންމެ މޮޅު ސްކޫލަކަށް މަރަދޫ ސްކޫލް ހޮވުނުއިރު އެ އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ހާފިޒު އަހުމަދު ސްކޫލެވެ.
މުޅި މުބާރާތުގެ 20 އަހަރުންދަށުގެ އެންމެ މޮޅު އެތުލީޓަކީ ވިލާ އިންޓަނޭޝަން ހައި ސްކޫލްގެ ހުސެއިން ޒީކް ސުއާދެވެ. އޭނާ ވަނީ އުމުރުފުރާގައި ވާދަކޮށް ފިރިހެން 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއްވަނަ ހޯދާފައެވެ. އަދި 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން މީޓް ރިކޯޑެއް ޤާއިމުކޮށްފައެވެ.
މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލްގެ ހައްވާ މުޒްނާ ފާއިޒެވެ. އޭނާ ވަނީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން އެއްވަނަ ހޯދުމުގެ އިތުރުން 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން މީޓް ރިކޯޑެއް ޤާއިމުކޮށްފައެވެ.
މުބާރާތުގައި އައްޑޫ ސިޓީގެ ސްކޫލުތަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކޮށްފައިވާއިރު، ރާއްޖޭގެ އެހެން ސްކޫލުތަކުން ވަނީ 383 އެތުލީޓުން ވާދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ