ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5 ރަށަކަށް ބެޓަރިން ކަރަންޓު ދޭން ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާއިއެކު ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ކ އަތޮޅާ، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި އެކަށޭނަ ޢަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށައި، އެރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. އަދި ހަމައެއާއެކު މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ދަނީ ތިމާވެއްޓާއި ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، އެކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރު ނިމުމުގެ ކުރިން 5 ރަށަކަށް ބެޓަރިން ކަރަންޓު ދޭން ފަށާނަން: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ