ޒިޔަދަމް މަރާލުމުގައި ބައިވެރިވި މީހެއްގެ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރާލުމުގައި ބައިވެރިވި މީހާ އުމުރަށް ޖަލަށްލުމަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ޒިޔަދަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެ ރަށު ބީޗްވިލާ ސިފާމްގެ މައްޗަށެވެ.
ޝަނޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް ސިފާމްގެ މައްޗަށް އިއްވީ އެކަމުގައި ބައިވެރިވުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލަ ސިފާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ
ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވުމަށްޓަކައި އޭނާ ފިލަން ދުއްވައިގަތުމުން އޭނާގެ ގައިގައި ހިފެހެއްޓީ ސިފާމް ކަން ހެކިންގެ ބަހުން އެނގޭތީ ޒިޔަދަމްގެ މަރުގައި ސިފާމްގެ ބައިވެރިވުން އެބައޮތް ކަމަށެވެ. އަދި ގާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އަދަބު ކަނޑައެޅީ ގާނޫނާ އެއްގޮތަށް ކަމަށް ހުކުމުގައިވެ އެވެ.
ސިފާމްގެ ޖަލު ހުކުމް ދެމެހެއްޓި ނަމަވެސް, ޝަނޫން މެރުމަށް ކުރި ހުކުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ