ވިލިމާލޭގެ ކަރަންޓުގެ ނިޒާމު ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފި

ވިލިމާލޭގެ ކަރަންޓު ހާލަތު ދެނެގަނެ، އެ ނިޒާމު ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށް ދިރާސާ ހެދުމުގެ މަސައްކަތް ސްޓެލްކޯ އިން މިއަދު ފަށައިފިއެވެ.
އެ ދިރާސާއަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސްޓެލްކޯއާ ދެމެދު 23 ޑިސެމްބަރު 2023 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަދާ ދިރާސާއެކެވެ.
ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދިރާސާ ކުރަނީ އެ ކުންފުނީގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓާއި ރީޖަނަލް ޕަވާހައުސް ޑިޕާޓްމަންޓް ގުޅިގެން ކަމަށެވެ.
ސްޓެލްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކަކީ ކޮބައިކަން ދެނެގަންނާނެއެވެ.
އަދި ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރާއި އެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަން ހުރި މަސައްކަތްތަކާއި މަރާމާތުކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަތުމާއި ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑް ކުރުމަށް މަޝްރޫއުއެއް އެކުލަވާލައި އެ މަޝްރޫއު ތަންފީޒު ކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅާނެއެވެ.
އޭގެ އިތުރުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައުލޫމާތު ކަމާގުޅޭ މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިނުމާއި ހަކަތައާއި ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި އެއްބަސްވުމުގެ ދަށުން ތައްޔާރުކުރާ މަޝްރޫއުއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް ހުށަހަޅައި، އެ ކައުންސިލުގެ އެންޑޯސްމަންޓް ހޯދައިދިނުންވެސް އެ އެއްބަސްވުމުގެ ދަށުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ