ބަންގްލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ރައީސްއަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެޤައުމުގެ 53 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިޚުލާސްތެރިކަމާއެކު އެޤައުމުގެ ރައްޔިތުންނަށްވެސް ފޮނުއްވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ދެމެދު އޮންނަ އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ