ކޮލެޖުގެ ދަރަޖަ ދޭ މުއްދަތު ކުޑަކުރަން ހުށަހަޅައިފި

ކޮލެޖަށް ޔުނިވާސިޓީގެ ދަރަޖަ ދޭ މުއްދަތު ކުޑަކުރަން ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކުރައްވާފަ އެވެ.
އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތުތަކުގެ ތެރޭގައި ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވުން ނުވަތަ ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވުން ހިމެނެ އެވެ.
މެމްބަރު ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވަނީ 20 އަހަރުގެ މުއްދަތު 15 އަހަރަށް ބަދަލުކުރުމަށް ހުށަހަޅުއްވާފަ އެވެ.
ގާނޫނުގެ 32 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތުތަކުގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައިވުން ހިމެނެ އެވެ.
މެންބަރު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރާއްޖޭގައި މަތީ ތައުލީމް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަން ޖެހޭ ޝަރުތުތަކެއް އެ މާއްދާގައި ހިމެނުމަށް ހުށަހަޅުއްވާފަ އެވެ.
އެ ގޮތުން އާޓް އެންޑް ހިޔުމަނިޓީޒް، އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް އަދި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވަލް ހަތެއް އަދި ލެވަލް ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިއުން ހިމެނެ އެވެ.
މީގެ އިތުރުން އެ ކޮލެޖެއްގައި މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވަލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި ބައިނަލްއަގުވާމީ ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަސް ހޭދަކޮށްފައިވާ ކޮލެޖަކަށްވުން ހިމެނެ އެވެ.
އިސްލާހުގައިވާ ގޮތުން ކޮލެޖުގެ އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ މަދުވެގެން 10 އިންތައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށް ވާންޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ