ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ހާއްސަ ފޯރަމެއް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް "އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއަންސް"ގެ ނަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފޯރަމެއް ފަށައިފިއެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ފޯރަމް ފައްޓަވައި ދެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް މުއާޒް ހަލީމްއެވެ.
މުއާޒް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިންމު އިމާރާތްތައް ގާއިމު ކުރެވިފައިވާ ތަން ކަމުގައި ވާއިރު، އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައި ހުރުން މުހިންމު ކަމަށެވެ. އަދި އެއާޕޯޓްގެ އޮޕަރޭޝަންތަކުގައި އަވަސް އެމަޖެންސީ ރެސްޕޮންސް ކަށަވަރު ކުރުމަށާއި، ވިލުންތެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
މި ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަސިންޖަރު ޓްރެފިކް އިތުރުވެ، މުޅި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، މި މަޝްރޫއުތަކުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ ކްރޮސްރޯޑްސްގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބަދިނުމުގައި މިހާރަށްވުރެ ބޮޑަށް ތައްޔާރުވެ، އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތް ކުރުން ހަރުދަނާ ކުރުމެވެ.
މި ފޯރަމްގައި ސެކިއުރިޓީ އަދި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާ ކުރާ ދައުރާ ބެހޭގޮތުން އެ މުއައްސަސާތަކުން މައުލޫމާތު ހުށަހަޅައިދޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި ސެކިއުރިޓީ އެމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިއަށް ގެންދާނެ ކަމަށާއި މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އެމަޖެންސީ ހާލަތެއްގައި އަމަލު ކުރާނެ ގޮތަށް ކުރިއަށްދާ އެކްސަސައިޒެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
"އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024" އަކީ ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުުރުމަށް އެމްއޭސީއެލްއިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ