ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރާ އެޕްލިކޭޝަން "ކާތިބު" އޭސީސީން އިފުތިތާހުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން 'ކާތިބު' އިފްތިތާހުކޮށްފިއެވެ.
އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި "ކާތިބު" އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ އޭސީސީގެ ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.
"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހޯދޭނެ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި 4 ވަރަކަށް މަހުގައި ކޮމިޝަނުގައި ވަނީ ބޭނުންކޮށްފައެވެ.
މި އެޕްލިކޭޝަންގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެއެވެ. އަދި، ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަންގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތުވެސް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް އޭސީސީން ހާމަކުރައްވައެވެ.
މި އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނި، އޮކްސިގާއިން މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓު ޓެކްސްޓް"ގެ އިތުރުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗަރތައް، މި އެޕްލިކޭޝަނަށް، ވަރަށް އަވަހަށް، އިތުރުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ