މެމްބަރު އަލީ ކިޔާދެއްވީ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބުތައް

މި ސަރުކާރު ޓެސްޓު ކުރެވިއްޖެ ކަމަށާއި އެހެން ބަޔަކު ހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ހުސައިން ރައްދު ދެއްވައިފިއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް ކެމްޕެއިން ފައްޓަވާފައިވާ ރައީސް ސާލިހް ހދ. ހަނިމާދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވަނީ ރާއްޖެއަކީ ތަރައްގީކުރެވެން އޮތް އަދި ތަރައްގީގެ މަންފާ މިހާރަށް ވުރެ ބޮޑަށް ހޯދޭނެ ގައުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ކުރެވޭނީ ސިޔާސީ ހަމަޖެހުން ގާއިމްކުރެވިގެން ކަމަށާއި ސަރުކާރަކަށް ދެ ވަނަ ދައުރެއް ބޭނުންވަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ދެ ވަނަ ދައުރެއް ދޭން ޖެހޭނީ ފަށާފައިވާ މަޝްރޫއުތައް ނިންމުމަށާއި ރައްޔިތުން ބޭނުންވެފައިވާ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ރައީސްވަނީ މި ސަރުކާރުން ވީ ވައުދު ފުއްދަމުންދާކަން ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެކަމަށެވެ.
މިކަމަށް ރައްދު ދެއްވައި މެމްބަރު އަލީ ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިޤުތިސާދީ ސަރަހައްދުން ބައެއް ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ބޭރުބަޔަކަށް ގަސްދުގައި ދޫކޮށްލީ ނުވަތަ ވިއްކާލީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާކަމަށާއި އެ ސަބަބާ ހެދި އެކަނިވެސް ދެން މިސަރުކާރު ހޮވަން ވޯޓުލުމަކީ ދިވެހި ގައުމުދެކެ ލޯބިވާ އެއްވެސްމީހަކު ކުރާނެ ކަމެއްނޫންކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ކުރަހަން ދިވެހިންނާއި މަސްލަހަތު ފުށޫ އަރާ ބޭރު ބަޔަކަށް ހަވާލުކުރުމަކީ މި ސަރުކާރަށް ނޫނެކޭ ބުނަންޖެހޭ މުހިންމު ސަބަބެއްކަމަސާއި މިފަދަ ކަމެއްގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާ ރައްކައުތެރިކަމަށް ބުރޫއާރާނެކަމަށް އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސީނުކަރަޔަށް ޒިޔާރަތްކުރައްވަން ޖެހުނީމާ އެކަމުގެ ހުއްދައަށް އެދި ބޭރުގެ އެހެން ގައުމެއްގެ ސަފީރުގެ އަރިހުގައި ދަންނަވަން ޖެހޭ ހިސާބުގައި އޮތް އަޅުވެތި ބަޔަކަށް ހެދީވެސް މި ސަރުކާރުންކަމަށް އަލީވަނީ ވިދާޅުވެފައެވެ.
މެމްބަރު ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ސަރުކާރުން ޖެހި ތާށިވެފައިވާ ދަރަނީގެ ދަންތޫރަކަމާއި މިހެން މިކަން އޮތް އިރުވެސް ދަރަނި މައްޗަށް ދަރަނި ނަގަނީ އެހެންގައުމަކުން ގަސްދުގައި ރާއްޖެ ދަރުވާލައި އަޅުދާސްތުކުރަން އުޅެފާނެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ނުވިސްނުމުގެ ނަތީޖާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ