މެމްބަރު ޒަރީރު މަރާލަން އުޅުނު މައްސަލައިގައި ގައްބަރޭ އަނެއްކާވެސް ހައްޔަރަށް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަރާލަން އުޅުނު މައްސަލާގައި ތުހުމަތުވާ މއ. ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އެ މައްސަލައިގައި އަލުން ހައްޔަރުކޮށްފި އެވެ.
މިމައްސަލާގައި އެންމެ ފުރަތަމަ ގައްބަރޭ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައި 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމުންނެވެ. އަދި ފަހުން މިއަމުރު ބާތިލުކޮށް އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފައި ވެއެވެ.
އިތުބާރުހުރި މަސްދަރަކުން ވީނިއުސްއަށް މިކަން ކަށަވަރުކޮށްދީީފައިވާއިރު، އޭނާ ބަންދުން ދޫކޮށްލަން ނެރުނު އަމުރުތައް ހައިކޯޓުން ބާތިލުކުރީ، ތޫނު އެއްޗެހި ބޭނުން ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ގާނޫނާ ހިލާފަށް ނެރުނު އަމުރުތަކެއް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުން އިއްތިފާގުވި ހުކުމެއްގަ އެވެ.
ހަމަލާ ދިނީ ގައްބަރޭ ކަމަށް ވިދާޅުވެ ޒަރީރު ފުރަތަމަ ފުލުހަށް ބަޔާން ދެއްވި ނަމަވެސް ފަހުން ވަނީ ބަޔާން ބަދަލު ކުރައްވައިފަ އެވެ.
ގައްބަރޭއަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.
އޭނާއަކީ އުމުރުން އެންމެ 16 އަހަރުގައި، 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010 ވަނަ އަހަރު ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނައިލް ކޯޓުން ހުކުމްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ