ވެރިކަން ލިބިއްޖެނަމަ، ގައުމުތަކަށް ފޮނުވާ ސިޓީ ސިއްރެއް ނުކުރާނަން: ގާސިމް

ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ގައުމުތަކަށް ފޮނުވާ ސިޓީ، ދައްކަން ރައްޔިތުން އެދިއްޖެނަމަ، އެކަން ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބ. އޭދަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ކޮންމެ ގައުމެއްގެ ވެރިއަކަށް ފޮނުވި ސިޓީއެއް ދައްކަން ރައްޔިތުން އެދިއްޖެ ނަމަ ވަގުތުން ނޫހުގައި ޖަހައިދޭނެ ކަމަށެވެ.
މި ސަރުކާރުން ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި މި ސަރުކާރުން ކޮށްފައިވާ ކަންތައް ރައްޔިތުން ފަޅާއެރިއިރު، ރާއްޖޭގެ ހަތަރު ދިމާލުގައި އިންޑިއާ ސިފައިން މިއަދު އެބަތިބި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ބޭތިއްބުމަށް ވެފައިވާ އެއްބަސްވުން ދެއްކުމަށް އެދުމުން ރައްޔިތުންނަށް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ އެއްޗިހި ނުދެއްކި ކަމަށާއި ރައްޔިތުން މުޒާހަރާކޮށްފައި ދައްކަން އެންގުމުން ވެސް އެކަން ނުކުރާކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ ރަނގަޅަށް ކޮށްފައިވާ ކަމެއް ކަމަށް ވާނަމަ ނުދެއްކެންވީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން އޭނާގެ ވެރިކަމެއްގައި ކޮންމެ ގައުމެއްގެ ވެރިއަކަށް ފޮނުވި ސިޓީއެއް ވެސް ދެއްކުމަށް ރައްޔިތުން ބުނެފިނަމަ ވަގުތުން އެ ސިޓީ ނޫހުގައި ޖަހައިދޭނެ ކަމަށާއި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވެސް ގައުމީ ކެންޑިޑޭޓް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ