ދާދި ފަހުން، ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުން ޖާގަ ހޯދި ލައިބާ އަހުމަދު މަހުލޫފް (އެލީ)، ޖޯޖިއާގައި ކުރިއަށްދިޔަ ޖޫނިއާ މުބާރާތް، ބަޓޫމީ ކަޕުން ތިން މެޑަލް ހޯދައިފި އެވެ.
އެ ގޮތުން، 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި ލައިބާ ވަނީ އަންހެން ޑަބަލްސް އިން ރިހި މެޑަލާއި މިކްސް ޑަބަލްސް އާއި އަންހެން ސިންގަލްސް އިން ލޯ މެޑަލް ހޯދައިފަ އެވެ. ލޯ މެޑަލް ހާސިލްކޮށްފައިވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްގެންނެެވެ.
މިމުބާރާތުގައި ލައިބާ، 12، އަންހެން ސިންގަލްސް އިވެންޓުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ސެމީ ފައިނަލުގައި ނުކުތީ، ކަޒަކްސްތާންގެ ލިއޮނޯވާ ސޯފިއާއާ ދެކޮޅަށެވެ. އެ މެޗުން ލިއޮނޯވާ މޮޅުވީ، 15-10، 15-12 އިންނެވެ. އަންހެން ޑަބަލްސް އިވެންޓުގައި، ލައިބާ އާއި ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާއާ އެއް ޕެއާއެއްގައި ކުޅެ، ބަލިވީ ކަޒަކްސްތާންގެ ސްލިއަމްޒާން އައިލަން އާއި ލިއޮނޯވާ ސޯފިއާގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ، 15-13، 15-10 އިންނެވެ.
މިކްސް ޑަބަލްސް އިވެންޓުގައި އަރުމީނިއާގެ މަނުކްޔަން ނާރެކް އާއެކު ލައިބާ އެއް ޕެއާ އެއްގައި ކުޅުނުއިރު، ސެމީ ފައިނަލުގައި ނުކުތީ ތުރުކީގެ ކަގާން ޑެމީރްކޮގްލޫ އާއި އެލީސާ ޔަލައީންގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް އެލީސާ އާއި ކަގާންގެ ޕެއާ ގެންދިޔައީ، 15-07، 15-08 އިންނެވެ.
މިދިޔަ އަހަރު ލައިބާ ވަނީ ބަޓޫމީ ކަޕްގައި ވާދަކޮށް ސިންގަލްސް ބައިން ލޯ މެޑަލް އަދި ޑަބަލްސް ބައިން ރިހި މެޑަލް ހާސިލްކޮށްފަ އެވެ.
މި އަހަރުގެ ޖޫން މަހު، އަރްމީނިއާގައި ކުރިއަށްދިޔަ އަރްމީނިއަން ޔޫތު އޯޕަން 2025 މުބާރާތުގައި ވާދަކޮށް ލައިބާ ވަނީ ތިން ރަން މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. މި މުބާރާތުގައި ލައިބާ ވާދަކޮށްފައިވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގަ އެވެ. އޭގެ ފަހުން، މި މަހު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ފުރަތަމަ ފަހަރަށް ހުޅުވާލެވިގެން ބޭއްވި ގައުމީ ޓީމުގެ ސިލެކްޝަނުގައި، ލައިބާ ވަނީ ވާދަކުރި ގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުން ޖާގަ ހޯދައިފަ އެވެ.
ލައިބާ އަށް ބަޓޫމީ ކަޕް އިން ތިން މެޑަލް ލައިބާ އަށް ބަޓޫމީ ކަޕް އިން ތިން މެޑަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ