މިދިޔަ ސަރުކާރުގައި ތައާރަފްކުރި ދަތުރުފަތުރުގެ ނިޒާމު، އާރުޓީއެލްގެ ލޯގޯގައި އިންނަ ރީނދޫކުލަ ފޮހެލައި، އަޅިކުލަށް ބަދަލު ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެއްޖެ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ދެކޭގޮތުގައި މިއީ، 'ދޮންކެޔޮގަނޑެއްގައި ނޫކުލަ ލުން ފަދަ ކަމެ'ކެވެ.
ވީ ކިހިނެއް؟- މުޅި ރާއްޖެ ގުޅާލައި ފެރީގެ ހިދުމަތް އަދި މާލެ އާއި ބޮޑެތި ރަށްރަށުގައި އާރުޓީއެލްގެ ބަހުގެ ހިދުމަތް ދޭން ފެށީ މިދިޔަ ސަރުކާރުންނެވެ. އަދި މި ސަރުކާރުން އަންނަނީ، ހުއްޓުމެއް ނެތި އެ ހިދުމަތް އާއްމުންނަށް ދެމުންނެވެެ. އެކަމަކު އާރުޓީއެލްގެ ލޯގޯގައި އިންނަ ނޫކުލަ އާއި ހުދުކުލަ އަދި ރީނދޫ ކުލައިގެ ތެރެއިން، އެމްޑީޕީއަށް ނިސްބަތްވާ ރީނދޫކުލަ އުނިކޮށް، އަޅިކުލައަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އަދި ލޯންޗުގެ އެކި ތަންތަނުގައި ބޭނުންކޮށްފައި ހުންނަ ރީނދޫކުލައިގެ ދަވާދު މިހާރު ވަނީ ފޮހެލާފަ އެވެ.
އެކަން ގިނަ ބަޔަކަށް ފާހަގަވީ، އެންމެ ފަހުން ބ. އަތޮޅުގައި ހިދުމަތް ފެށުމަށް ނެރުނު ލޯންޗުތަކުގެ ލޯގޯއިންނެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ.
އެމްޑީޕީ މެމްބަރު އަދި ގާނޫނީ ވަކީލު އަހުމަދު މައުރޫފް ބުނިގޮތުގައި އާރުޓީއެލްގެ ބްރޭންޑިން އިން ރީނދޫކުލަ އުނިކުރި ކަމުގައި ވިޔަސް، އެއީ އެމްޑީޕީގެ ސަރުކާރުން ރާވައި ހިންގި، އަދި ފަންޑުކުރި މަޝްރޫއެއްކަން ބަދަލު ނުކުރެވޭނެ އެވެ.
"މިއީ އިރެއްގައި ޑީއާރުޕީއިން ދޮންކެޔޮގަނޑެއްގައި ނޫކުލަލުން ފަދަ ވިސްނުމެއް. ވަރަށް ފިނޑި އަދި މޮޔަ އަމަލެއް،" އެމްޑީޕީއާ އިދިކޮޅުކަން ދެއްކުމުގެ ގޮތުން، މިހާރު އުވާލާފައިވާ ޑީއާރުޕީގެ ސަޕޯޓަރުންތަކެއް، ދޮންކެޔޮގަނޑެއްގައި ނޫކުލަ ޖެއްސި މަންޒަރަށް ނިސްބަތްކޮށް އޭނާ ބުންޏެވެ.
އެކްސްގައި ހިޔާލުފާޅުކުރި އެހެން މީހަކު ބުނީ:
ލޯގޯގައި އިންނަ ރީނދޫކުލަ ބަދަލު ކުރިޔަސް، ހިދުމަތުގެ އަސްލު ފެށުން އޮޅުވާ ނުލެވޭނެ ކަމަށް
އަދި ސަރުކާރަށް އަލަށް ކަމެއް ނުކުރެވުމަކީ އެހެން ސަރުކާރުތަކުން ފަށާފައިވާ މަސައްކަތުގެ އަސްލު އޮޅުވާލަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ބުނި
"ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނުވި އާރުޓީއެލް ފެރީގެ ނިޒާމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތައާރަފްކުރި، އަދި ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ މަސައްކަތެއް،" އޭނާ ބުންޏެވެ.
އެކަމަށް ފާޑުކީ އެހެން މީހަކު ބުނިގޮތުގައި މިއީ ބޭކާރު ކަންކަމަށް ދައުލަތުގެ ފައިސާ ހޭދަކުރުމެވެ. އޭނާގެ ނަޒަރުގައި 'މި ކަހަލަ ބޭނުމެއް ނެތް ކަންކަމަށް، ފައިސާ އާއި ވަގުތު ހޭދަކުރުން ބަދަލުކޮށް، ފައިދާ ހުރި ކަންކަމަށް ހޭދަކުރަން' ޖެހެ އެވެ.
އާރުޓީއެލްގެ ލޯގޯގެ ކުލަ ބަދަލުކޮށް، ރީބްރޭންޑް ކުރި ނަމަވެސް އެކަން ސަރުކާރުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އަދި ކުލަ ބަދަލު ކުރި ސަބަބެއް ވެސް ނާންގަ އެވެ.
އާރުޓީއެލް ލޯގޯއިން ރީނދޫ ކުލަ ފޮހެލުން: 'މިއީ ދޮންކެޔޮގަނޑެއްގައި ނޫކުލަލުން ފަދަކަމެއް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ