ޑޮންގެ ލަވަޔަށް އަމީތާބު ތިރީހަކަށް ބިލެތްގަނޑުގެ ދުފުމެއް

މިހާރު އެ ފިލްނު އުފެއްދިތާ 47 އަހަރު ވަނީ އެވެ. އެކަމަކު އަދިވެސް އަމީތާބު ބައްޗަންގެ ޑޮންގެ ކާމިޔާބީގެ ވާހަކަތައް އިންޑިއާގެ ފިލްމީ ދާއިރާއިން ފިލައިގެން ނުދެ އެވެ. ދޭތެރެ ދޭތެރެއިން އެ ފިލްމާ ބެހޭ ތަފާތު ވާހަކަތައް އިވެ އެވެ. މިފަހަރު އޭގެ އެހެން ވާހަކައެކެވެ.
ތަޅާފޮޅުން ގިނަ ޑޮން ނިންމާފައި ބޮލީވުޑްގެ ބައެއް ތަޖުރިބާކާރުންނަށް ވަކިން ދެއްކި އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ލަފަޔަކަށް ވީ އިންޓަވަލްއަށް ފަހު މާ ތަޅާފޮޅުން ބޮޑުވުމާ އެކު ބެލުންތެރިންނަށް ހަމަޖެހުމެއް ގެނެސްދޭން އިތުރު ލަވައެއް ނުވަތަ ދެ ލަވައެއް ހިމެނުމެވެ.
ފިލްމުގެ ޕްރޮޑިއުސަރު ނަރިމާން އިރާނީ އޭރު ހުރީ ބަނގުރޫޓުވެފަ އެވެ. ތިން އަހަރު ކުރިން ފެށި ފިލްމަށް އޭނާގެ ހުރިހާ ފައިސާއެއް ހުސްވެ، ދެރީ އެވެ. ނަމަވެސް އިތުރު ލަވައެއް ޝޫޓްކުރަން ޑައިރެކްޓަރު ޗަންދުރާ ބަރޮތު ނިންމައި އެކަން ފެށި އެވެ. މިޔުޒިކް ޑިރެކްޓަރުން ކަމަށްވާ ކަލިއާންޖީ-އާނަންދުޖީ އޮތީ ކުރިން އެހެން ފިލްމަކަށް އެ ލަވައިގެ މިޔުޒިކް ހަދައިފަ އެވެ. އަދި ޅެންވެރިޔާ އަންޖާން ލަވަ ހެދީ ވެސް އެހެން ފިލްމަކަށް މާ ކުރިންނެވެ.
ފަހު ވަގުތު 'ކައިކޭ ޕާން ބަނާރަސްވާލާ' ލަވަ ޑޮންގައި ހިމެނުމުގެ ފައިދާ ވަރަށް ބޮޑެވެ. ފިލްމު ހިނގުމުގެ އެއް ސަބަބަކަށް ވެސް އެ ލަވަ ވި އެވެ.
އެންމެ ފާހަގަކޮށްލެވޭ ތަންކޮޅަކީ މި ލަވާގައި ދައްކަނީ ދުފައިގެން އުޅޭ މީހެއް ކަމުން އެ ދުފުންގަނޑުގެ އަސްލު ގޮތް ގެނައުމެވެ. ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު އެ ލަވަ ރެކޯޑްކުރީ ވެސް ދުފަމުންނެވެ. އެއަށް ވުރެ އަމީތާބުގެ ހާލަތު ބޮޑެވެ. މި މަހު އުމުރުން 86 އަހަރުގައި މަރުވި ބަރޮތު ބުނެފައި ވަނީ ލަވައިގެ ޝޫޓިންގައި އަމީތާބު 30-40 ބިލެތްގަނޑު ކާލި ކަމަށެވެ.
"އަނެއް ދުވަހު އޭނާގެ އަނގަ ތެރެ އޮތީ ފާރުވެފައި ބިލެތްގަނޑުގައި ހުންނަ ހުނީގެ ސަބަބުން. އެހެންވެ ވާހަކަ ވެސް ނުދެއްކޭ. ދެން އަހަރެމެން ހެދިބިލެތްގަނޑު ދިނީ ހުނި ނާޅާ،" ބަރޮތު ބުންޏެވެ.
އެ ލަވަ އެންމެ ފުރަތަމަ ހެދީ ދޭވް އާނަންދުގެ ފިލްމަކަށެވެ. ފުރަތަމަ ޑޮންގެ ބަތަލަކަށް ހިމަނަން އުޅުނީ ވެސް އަމީތާބެއް ނޫނެވެ. ދަރުމެންދުރާ އާއި ޖީތެންދުރަ އަދި ދޭވް އާނަންދެވެ. އެކަމަކު އެ ފިލްމު ކުޅޭކަށް އެއިން އެއްވެސް ތަރިއަކު ބޭނުމެއްނުވި އެވެ.
އެންމެ ފަހުން ޑޮން 1978ގައި ނެރުމާ އެކު ބެލުންތެރިން އުތުރިއަރައިގަތެވެ. ފިލްމުފެއާގެ ގިނަ އެވޯޑްތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި:
އަމީތާބު: އެންމެ މޮޅު ބަތަލް
ކިޝޯރު ކުމާރު: އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ، ކައިކޭ ޕާން ބަނާރަސްވާލާ
އައިޝާ ބޯސްލޭ: އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ، ޔޭ މޭރާ ދިލް
ކަލިއާންޖީ-އާނަންދުޖީ: އެންމެ މޮޅު މިޔުޒިކް ޑައިރެކްޓަރު
އަންޖާން: އެންމެ ކޮޅު ޅެންވެރިޔާ، ކައިކޭ ޕާން ބަނާރަސްވާލާ
ފަހުން ޝާހު ރުކް ހާން ވަނީ ޑޮންގެ ދެ ފިލްމެއް ހަދައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމުގައި ކައިކޭ ޕާން ބަނާރަސްވާލާ އާއި ޔޭ މޭރާ ދިލް ހިމެނި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ