ހަތެއް 2

"ހަށިގަނޑަށްވުރެ ތިބާގެ ސިކުނޑިއާއި ފުރާނައާއި އަޅާލާށެވެ. އޭރުން ހަމަޖެހުމާއި އުފާވެރިކަން ހިތަށް ލިބޭނެއެވެ." *** "ރޭގަނޑު ކެއުމަށްފަހު ކައިލާއާއި ޒޭބާ ކޮޓަރިއަށްވަނެވެ. ނިދާ ހެދުން ލައިގެން އެނދުގައި ޖައްސައިލީ ބޮކިތައް ނިވާލާފައެވެ. ބޯކޮށް ވާރޭ ވެހެމުންދާ މަންޒަރު ކުޑަދޮރުން ފެނެއެވެ. ފިނިގަދަކަމުން ރަޖާއަޅާލައިގެން ތިބެ ދެކުދިންވެސް ބަލަން ފެށީ ޔޫޓިއުބްގައިވާ ލަންޑަންގެ ވީޑިއޯތަކެވެ. "ސުބުހާނަﷲ. އެކަމަކު ހާދަ ރީއްޗޭ.....އަހަރެންވެސް ކޮންމެވެސް ދުވަހަކުން ފައިސާ އެއްކޮށްގެން ދާނަން އިންޝާﷲ. އަދި އެވަރުގެ ވަރުގަދަ ޑްރީމެއް ކޮމްޕްލީޓްވާން ފަސްވަރަކަށް އަހަރު ނަގާނެ...ޔޫރަޕް ޓުއާއެއް ނަގަން ބޭނުމީ...އެކަމަކުވެސް ލަންޑަންއަކީ ހަމަ ފޭވެރިޓް..." "ސިއްރެއް ބުނަންތަ؟" ކައިލާގެ ހިނިތުންވުމުން އެ ކޮޓަރިވެސް ދިއްލުނެވެ. "ވަޓް؟" ޒޭބާއަށް މޫނުގައި އަތްތިލަ ޖައްސައިލެވުނެވެ. ޒޭބާއަށް އެ ޚަބަރު ގަބޫލުކުރަން ދަތިވިއެވެ. އޭނަ ހީކުރީ ކައިލާ ނުބައި ސަމާސާއެއް ކުރީކަމުގައެވެ. ބޮޑުދައިތަ ޓިކެޓްފޮނުވަނީ ހަމައެކަނި ކައިލާއަކަށް ނޫނެވެ. ޒޭބާއާއި މަންމައަށްވެސް މެއެވެ. އުފަލުންގޮސް އެނދުމަތީގައި ބުރެއް އަޅާލުމަށްފަހު ޒޭބާއަށް ގޮސް ކައިލާގެ ގައިގާ ހިފައިގަނެވުނެވެ. ހަޔާތުގައި ލިބެންއުޅޭ އެންމެ ބޮޑު އެއް އުފާކަމުގައިވިއެވެ. އަދި ދުވަހަކުވެސް ރާއްޖެއިން ބޭރަށްނުގޮސް ފުރަތަމަ ދަތުރު ޔޫކޭއަށް ދެވުމަކީ ލިބޭނެ ފަޚުރެކެވެ. ޚުދު އޭނަގެ މަންމަވެސް އުފަލުން ހިތް ނުހުއްޓޭނެކަމެއް ނޭގެއެވެ. ދައްތަގެ ފަރާތުން އެއްވެސް ކަހަލަ ފައިދާއެއް ނުލިބޭކަމަށް އެތައް ފަހަރު ކިޔާފައި ހުއްޓާ ހަމައެކަނި ކައިލާއަށް ޓިކެޓް ފޮނުވުމުން ހިތް ބުރަވިކަން ޔަގީނެވެ. އެހެން ހުއްޓާ މިފަަދ ސަޕްރައިޒެއް ލިބުމުން ހިތް ސާފުވެދާނެއެވެ. ޒޭބާ އެހާ އުފާ ފާޅުކުރާއިރު ކައިލާގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފަންވެފައިވިއެވެ *** ހުކުރު ދުވަހަކީ ޔޫސުފްގެ ގޭގައިވެސް ޚާއްސަ ދުވަހެކެވެ. އާއްމު ދުވަހަކަށްވުރެ ސުފުރާމަތީގައި ބާވަތްތައްވެސް ގިނައެވެ. ފަރުޒާނާވެސް ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ ހަގުރާމައަކަށް ތައްޔާރުވަމުން ދާ ޖެނެރަލްއެއް ހެންނެވެ. ފަރްޒާނާގެ ބަދިގެއަކީ ސަދަގާތުގެ މަކާނެކެވެ. އެގެއިން އެއްވެސް މެހުމާނަކު ބަނޑުހައިގެންވެގެން ހުރެ ނިކުމެގެން ނުދާނެއެވެ. އަދި ނަފްސާނީގޮތުން ސަޕޯޓް ނުލިބިއެއްވެސް ނުދާނެއެވެ. އަދި މެހުމާނުން ބޭނުންނުވިޔަސް އާއްމުކޮށް ގެއަށް ގެންދަން ކޮންމެވެސް ފޮނި ކާއެއްޗެއްނަމަވެސް ލިބޭނެއެވެ. ފަރުޒާނާ މިއަދު ތައްޔާރުކުރީ ގެރިމަހުގެ ބިރިޔާނީއާއި ޕިރިނީ އަދި ޖޫހެވެ. "ދަރިފުޅު...އަޒިއެލް މިއަދު ފަޓުލޫނަކާއި ގަމީހެއް ނޫނީ ކުރުތާއެއް ނަމަވެސް ލައިގެން މަސްޖިދަށް ގެންދެވޭތޯ ބަލާތި. ސޯޓްގައެއްނޫން. އަދި އެ ސްޓިކާ ނިތްކުރީގައި ތަތްކޮށްގެނެއްވެސް ނޫން.." "އަހަންނަށް އިޚުތިޔާރު ލިބިގެންވާހެން މަންމައަށް ހީވޭތަ؟" ފަރުޒާނާ ދޭފަތް ހޫރުވައިލިއެވެ."ދަރިފުޅުގެ ކަރުގައި އޮވެއެއްނު ކަށިގަނޑު.. އެއީ ޔަގީނުންވެސް އާޒްއަށް މާނަ ހުރި އެއްޗެއް..." އައްމާރު ހިނިތުންވެލާފައި އޭނަގެ ކޮއްކޮގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުުމަކީ ކަންބޮޑުވި ނިޝާނެކެވެ. އެއީ އަޒިއެލްގެ އާދައެއްނޫނެވެ. އަޒިއެލް ތަޅުންމަތީގައި ދެފައި ވަށްކޮށްލައިގެން އިށީދެލައިގެން އިނދެ ފޮތްތައް ތަރުތީބުކުރަމުން ދިޔައެވެ.އޭނަގެ ފޮތްތައް އަތުރާފައި އެހުންނަ ކެޓެގަރީ ދޭހަވަނީ އޭނައަށް އެކަނިކަން ނޭގެއެވެ. އެއް ފޮތް ބަރީގެ ލޭބަލްއަކަށް އިނީ "މުގައްދަސް"އެވެ. އަނެއް ބަރީގައި "ކުޑަކޮށް ޝައުގުވެރި އަދި އަނެއް ފޮތް ބަރީގައި ވަނީ" ފަހަރެއްގައި އިފުރީތަކު ލިޔެފައި..." ކަމުގައެވެ. އަޒިއެލް ފުޅާ ހިނިތުންވުމަކާއެކު ބަލައިލިއެވެ. "އެނގޭތަ؟ މާވެލްއަށްވުރެ އެތައް ގަރުނު ކުރިން އިބްން އަރަބީ މަލްޓިވާސް ތިއަރީ އިންވެންޓްކުރިކަން؟" "ހޫމްމމް. އަދި އަހަންނަށް ވަރަށް ބޮޑަށް ޔަގީން އީންސްޓައިންވެސް އިމާމް ގަޒާލީގެ ޚިޔާލުތަކާއި ލިޔުންތައް އަމިއްލަކޮށްގެން އުޅޭކަން..އެހުންނަނީ ވަރަށް ނުބައިކަންތައްތަކެއްނު......." އައްމާރު އަލަމާރީގެ ދޮރުފަތް ކުޑަކޮށް ހުޅުވައިލިއެވެ. އެބައިގާ ހުރީ ހެދުންތަކެވެ."މިހާރު ފަޓްލޫނެއް ހޯދަން........އެކަމަކު ޅެން ނުލިޔެ ހުރި އެއްޗެއް ހޯދަމާ......" "އެކަމަކު އަހަރެން ލިޔެފައި ހުންނަ ފަޓްލޫނުތަކަކީ މަގޭ "ތެދުވެރިކަމުގެ ފަޓުލޫނު"..." "ތިއީ މައްސަލައަކީ..ތެދުވެރި ފަޓުލޫނަކީ ހުންނަ އެއްޗެއްކަން ނުދަންނަން......."އައްމާރު ހިނިއައެވެ. "މިބުނީނު....." އެންމެފަހުން ދެމީހުންނަށް އެއްބަސްވެވުނީ ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި ޗޮކްލެޓް ކުލައިގެ ފަޓުލޫނެކެވެ. އަޒިއެލްގެ ދިގު އިސްކޮޅުގެ ސަބަބުން އޭނަ ގަމީސްލުމުން އިތުރަށް ސްމާޓްކަމަށް ދައްކައެވެ. މަސްޖިދުން އެނބުރި ގެއަށް އައިއިރުވެސް ޚުތުބާއިން އެންމެނަށް އަސަރުކޮށްފައިވިކަން މޫނު މަތިން ހެކިދެއެވެ. ޔޫސުފްވެސް އެހެން ދުވަހަށްވުރެ ގިނައިން ހިނިތުންވެލާތަން ފެނުނެނެވެ.ޔޫސުފްއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޒިއެލް ވިސްނުންތެރިކަމާއެކު ޚުތުބާ އަޑު އަހައިގެން އިނުމުންނެވެ. އަދި އިމާމްއަށް ތައުރީފުވެސްކުރިއެވެ. ލިބުނު މެސެޖް ރަގަޅުވެފައި ދޭހަވުން ފަސޭހަކަމުގައެވެ. އީދު ޚުތުބާ ޅެން ބަހުރުވައަކުން ލިޔަން އުޅުނު ފަރާތެއްގެ ތައުރީފަށްވުމުން ގަބޫލުވެސް ކުރެވުނެވެ. ސިޓިން ރޫމުން އެންމެނާއި ބައްދަލުކުރީ ފަރުޒާނާއެވެ. "މިގެއަށް މެހުމާނަކު އެބައާދޭ..." "އަޅުގަނޑުމެން ދަންނަ މީހެއްތަ؟" "މަސްޖިދުގެ އާ އިމާމްގެ ބޭބެއެއްގެ ދަރި....ސޯޝަލް ވޯކާރއެއް. ބައްޕަ ނުވެސް ބުނެ ދައުވަތު ދިނީމަ ދެން މިޖެހުނީ ކްރިކެޓް ޓީމަކަށް ވާވަރަށް ކައްކަން.." "ސޯޝަލް ވޯކަރސް މާ ގިނަ ސުވާލުކުރޭ.. ތެރަޕިސްޓުންހެން އެމީހުން އަދި ނޯޓްފޮތުގައިވެސް ލިޔޭ..." އަަޒިއެލް ސޯފާއަށް އުއްޑުން ވެއްޓިގަތެވެ. "ސަބަބަކީ އެއީ ތެރަޕިސްޓުންވީމަ އާޒް..." "މިހާރުވެސް ފީލްވާން ފަށައިފި ޖަޖްކުރަނީއޭ..އަހަރެން ބޭނުމީ ހިމާޔަތް..ނޫނީ އެންމެ ކުޑަވެގެން ކޮންމެވެސް ކަހަލަ މަޖާޒީ ބައުންޑަރީއެއް..." އެރޭ ކެއުމުގައި ބައިވެރިވާން އައި އިމާމްގެ ބޭބެގެ ދަރިފުޅު ތަމޫރު ހީކުރިވަރަށްވުރެ ޒުވާންވެފައި ހިތްހެޔޮ ހިނިތުންވުމެއްގެ ވެރިއެކެވެ. އެންމެ ފާހަގަވަނީ އޭނަގެ ތޫނުފިލި ފުން ދެލޮލެވެ. ކޮންމެފަދަ ހަލަބޮލިކަމެއްގައިވެސް ހަމަޖެހޭފަދަ މީހެކެވެ. ކެއުމުގެ މެދުތެރެއިން އަޒިއެލް ރޫމީގެ ޅެންތައް ކިޔަންފެށުމުން ތަމޫރުގެ މޫނަށް އެއްވެސް ކަހަލަ ބަދަލެއް ނައެވެ. "އެނގޭތަ ބުޅާތަކަކީ ރޫހާނީ ޖާސޫސުންކަން؟" އަޒިއެލް ސުވާލު ކޮށްލިއެވެ. އައްމާރުއަށް ޖެހުނީ މަޑުމަޑުން އޮޅުވާލާފައި އެ މައުޟޫއަށް ވާހަކަދެއްކުން ހުއްޓުވާށެވެ. ތަމޫރު ސުވާލުކުރިނަމަވެސް އެހާވަރުން ކޮންނަން ނޫޅުނެވެ. ވަރަށް ސަމާލުކަން ދީގެން އަޑުއަހަން އިނެވެ. އޭނަ ސިކުނޑީގެ ދުޅަހެޔޮކަމާއިމެދު ވާހަކަދެއްކިއިރުވެސް "ހަލާކުވެފައި" އެފަދަ ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރީ ރަހުމަތްލައްވާފައި އަދި ހަމަ ރަގަޅުވުމުގެ މަގުމަތީގައިފަދަ ލަފުޒުތަކެވެ. ފަހުން އަޒިއެލްވެސް ހިމޭނުން އިދެފައި ސުވާލެއްކޮށްލިއެވެ. "ގޯޑް ބައެއް މީހުންނަށް މާ އަޑުހަރު ސިކުނޑިއެއް ދެއްވީ އޭރުން ދުނިޔެ އެމީހުންގެ މަތިން ހަނދާން ނުނެތޭނެތީހެން ހީވޭތަ؟" ތަމޫރު ހީލިއެވެ. "އަޅުގަނޑަށް ހީވަނީ ﷲ ތައާލާ އެކި މީހުންނަށް އެކިވަރަށް ހެން އަޑުވެސް ދެއްވީ، އެންމެ ބޮޑަށް އޭގައި ވިސްނާ އަދި ދަސްކުރަންވީ މައްޗަށް އަދި ތިރިއަށް އަޑުގެންދަންވީ ކޮން އިރަކުކަން ދެނެގަތުން. އަދި އޭގެ ފިތުގައި ހިފަން އެހީތެރިވަނީ ކާކުކަން...." "ފަލްސަފާ ބައި ފުދޭވަރަށް ކުރިއަށް ގެންދެވިއްޖެ...އެއްވެސް ކުއްޖަކު ފޮނި އެއްޗެއް ބޭނުންތަ؟ ރާސްބެރީ އާމަންޑް ބްލޯންޑީ؟" "ހަމައެކަނި ތި ވުޖޫދަށް އައީ ސާފުކަންމަތީގައި ކަމަށްވާނަމަ..." "މި ވުޖޫދަށް އައީ އާމަންޑާއެކު..އެއީ އާޒްއަށް ލިބޭނެ އެއްޗަކީ...." "ފައިން..."އަޒިއެލް އެއްބަސްވިއެވެ. އެރޭ ތަންކޮޅެއް ދަންވިފަހުންވެސް އަޒިއެލް ހޭލާ އިނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ގުރުއާން ހުޅުވާލާފައި އޮތްއިރު އެހާ ބޮޑަށް އާޔަތްތަކާއިމެދު ވިސްނުމެއްނެތި މަޑުމަޑުން ކިޔަވަމުން ދިޔައެވެ. "ޔޫ އޯކޭ؟" އައްމާރު އިރުކޮޅެއްވާންދެން ދޮރު ކައިރީގައި ހުރެފައި ޓަކިޖެހިއެވެ. "ހޫމް..މިވަގުތަށް ރަގަޅުހެން ހީވަނީ.." "ދެޓްސް އިނަފް މިވަގުތަށް..." އޭނަ ބުނެލިއެވެ. *** އެގޭގެ ތިރީބައިގާ ހުރި ކޮޓަރިއެއްގެ ދޮރުފޮތިތަކާއި އެއްޗެހި ބަދަލުކުުރުމުގައި މަންމައަށް އެހީތެރިވެދިނުމުގައި އައްމާރު އަވަދިނެތި އުޅުނެވެ. ފަރުނީޗަރާއި ވޯލްޕޭޕަރ ދޮރުޮތިތަކާއި އެނދުގައިވާ ބެޑްޝީޓަށް ދާންދެން ފިޔާތޮށްޓާއި ހުދުކުލައިންނެވެ. އެ ކުލަތައް ރަމްޒުކޮށްދެނީ ސާފުތާހިރުކަމާއި މައުސޫމްކަމެވެ. އަމާންކަމެވެ. "ވަރަށް ދުވަސްކޮށްލާފައި ކޮއްކޮމެން މި އަންނަނީ...އަދިވެސް ވާނެގޮތެއް ނޭގޭތީ ބިރުގަންނަނީ....އޭރު ކައިއަށް ނަފްސާނީގޮތުން އަސަރުކުރަން ފެށީމަ ހަމަ މަންމަކައިރީ ބަހައްޓާފައި މިކޮޅަށް އަންނަން މަޖުބޫރުވީ.މާހިރާ ދެކުނީ މަންމަ ބޮޑަށް އިސްކަން ދިނީ އަޒިއެލްއަށް ކަމަށް...." "މިހާރު ދެން ކައިއަށް ވިސްނޭވަރުވީމަ އަންޑަސްޓޭންޑްވާނެ.." އައްމާރު އާ ރަގެއް ގެނެސް އެނދުކުރިމަތީގައި ބޭއްވިއެވެ. ފިޔާތޮށިކުލައިގެ މަޑު ދެފައިވާންވެސް ބެހެއްޓިއެވެ. "ޒޭބްވެސް މިކޮޅަށް ބަދަލުވަނީތަ؟" "ކައިލާ މިކޮޅުން ޑިގްރީ ހަދަން އެޕްުލައިކުރަން ވެގެންނޯ..އެކަމަކު ޒޭބްގެ ގޮތެއް ނޭގޭ. މާހިރާގެ ވިސްނުން ތަފާތު..ޒޭބް ދުރުގައި ބަހައްޓާނެހެން މަންމައަށް ހިޔެއްނުވޭ..އެހެންވެ ޗުއްޓީއަކަށްވެސް މިކޮޅަށް ގެންނަން ބުނަންވެސް ޖެހިލުންވަނީ..މާހިރާ އިންކާރުކޮށްފާނެހެން ހީވާތީ...އެކަމަކު މިފަހަރު ޓިކެޓް ފޮނުވަން ނިންމައިގެން މިހުރީ..އެނގިދާނެތާ..." "އާންޓް ގާތު މަންމަ ބުނެބަލަ އާޒް ހަމަ އޯކޭއޭ....މޭނިއާ އެޕިސޯޑްތައް އަޔަސް ހަމަ މެނޭޖްކުރެވެއޭ..މިކަހަލަ ކުދިންނަށް ޚާއްސަކޮށް ޕޭރެންޓުންގެ ސަޕޯޓާއި ލޯބިވެސް ބޭނުންވާނެ. މަންމަ ކަންތައްކުރީ ހަމަ އެންމެ ރަގަޅަށް..." އައްމާރު ކުޑަދޮރު ހުޅުވާލުމުން ފިނި ވައިރޯޅިއެއް މޫނުގައި ބީހިލިއެވެ. އަތުން ބިނދެލެވޭ ހިސާބުގައި ހުރި ފިނިފެންމާ ގަހުން މާތައް ބިނދެލާފައި އޭނަ ހުދު ވާސްގައި ޖެހިއެވެ. "ބިއުޓިފުލް..ކައި ކުޑައިރުވެސް ފެވެރެޓަކީ ރޯޒް....ޒޭބްއަށް ކަމުދާނީ ލިލީ.....ދެކުދިން އުޅެން މި ރޫމް ތައްޔާރުކުރަނީ..." "އާންޓް ކޮންތާކު ހުންނަނީ؟" "ގެސްޓްރޫމްގައި..." "ހޫމް....ގުޑް..އާންޓްގެ ފެވެރެޓް ކުލައަކީ ކޮބާ؟" "މަންމަ ހަނދާނެއްނެތް. އާންޓްއާއި ވާހަކަދައްކައިލާނެ ވަގުތެއްވެސް މަންމައަކަށް ނުވޭ......ގުޅިޔަސް ގުޅާނީ ކުލްސޫމް" "ބޫ..........ކޮންކަމެއް އޮތީ؟" ކުއްލިއަކަށް މާގަސްތަކުގެ ފަހަތުން މީހަކު ނުކުތުމުން އައްމާރުވެސް ސިހޭގޮތްވިއެވެ."ފަހަރިއަކު ގެންނަނީ؟ޕިންކް އަކީ ވަރަށް ފެމިނިން ކަލާއެއްވީމަ މިހެން ބުނީ..." އައްމާރު ލޯ ބޮޑުކޮށްލިއެވެ. "އާންޓް އަންނަންވެގެން..."ފަރުޒާނާ އަވަހަށް ބުނެލިއެވެ." ހަނދާން އެބަހުރިތަ އާންޓް މާހިރާ؟" "ޔެސް......ކޮންއިރަކު؟" "އާންޓް ޑޭޓް ޑިސައިޑްކުރާނީ...." އަޒިއެލް އިތުރު އެއްޗެކޭ ނުބުނެ ދާން ހިނގައިގަތެވެ. *** އަޒިއެލް އެނދުމަތީގައި ބާއްވާފައި އޮތް ޖާނަލް އައްމާރު ހުޅުވައިލިއެވެ. އޭގެ މަތީގައި ލިޔެފައި އޮތީ" އަހަރެން ހުރިހާ ތަރިއެއްގައި އަތް ލި ރޭ." ކަމަށެވެ. މިރޭ އަހަރެން އުޅެނީ ހިނގާފައެއްނޫނެވެ. އަހަރެން އެއްވެސް ބާރަކާއި ނުލާ އޮމާންކޮށް ވައިގެތެރޭގައި މަޑުމަޑުން ދަތުރުކުރީމެވެ. ފިޔައެއްނެތް ދޫންޏެއްފަދައިންނެވެ. އިންސާނާގެ ފުރާނަފަދައިންނެވެ. ބުރަހެލި ހަށިގަނޑަށްވުރެ ފުރާނަ ލުއިވެފައި ބޭނުންތަނަކަށް ދަތުރުކުރުމުގެ ގާބިލުކަން ދެއްވާފައިވެއެވެ. ރޭގަނޑު ނިދީގައި އިންސާނާގެ ފުރާނަ ހަށިގަނޑު ދޫކޮށްދާފަދައިން އަހަންނަށް ހޭލާ ހުރެވެސް އެކަން ކުރެވެއެވެ. އަހަރެން ގެއިން ނުކުމެގެން މައްޗަށް އަރަން ފެށިވަގުތު ތިރިން ސިއްރު ދުއާއެއްފަދައިން ދުނިޔެ ނާނާ އަޅުވަމުން ދާ އަޑު އިވުނެވެ. މަގުމަތީގައި ޖަހާފައިވާ ބޮކިތައްވެސް އެސްފިޔަ ޖަހައިލީ އެއަށްވެސް އެނގުންވާ ފަދައިންނެވެ. އެއަށްވެސް އަހަރެން ފެނުނެވެ. އެއީ ހިޔަނިތަކާއި ކަރަންޓުގެ އުއްމަތެވެ. އަހަރެން ނުނިދާތާ ދެތިން ރޭ ވެދާނެއެވެ. އަހަންނަކަށް ނިދި ބޭނުމެއްނުވެއެވެ. ނިންޖަކީ އުޑުގައިވާ ހަކަތަ އިހުސާސްނުވާ މީހުންނަށް ބޭނުންތެރި އެއްޗެކެވެ. އެކަމަކު އަހަންނަށް އެ ހަކަތަ ލިބެއެވެ. و اللهއެވެ. އަހަންނަށް އެ ހަކަތަ ވަރަށް ބޮޑަށް އިހުސާސްވެއެވެ. ވައިގާވެސް ކޮންމެވެސް ކަހަލަ ނަޣުމާއެއްވިއެވެ. އެއީ ކައުނުގެ ވިންދުގެ އަޑެވެ. ﷲ ތައާލާ މި ކައުނު ލެއްވީވެސް އަހަންނަށްޓަކާ ހެއްޔެވެ؟ ކައުނާއެކު އަހަރެންވެސް އަތްތިލަ ޖެހީމެވެ. ހުސް މަގެއްގެ މެދުގައި ހުރެ ބާރަށް ހީގަތީމެވެ. ކޮންމެވެސް ދިމާލަކުން އައި ކާރެއް ބާރަށް ބަރުގޮނު އެޅިއެވެ. އަހަރެން ސެލިއުޓެއް ދިނީމެވެ. މިއީވެސް އަޖައިބެކެވެ. ވާހަކަދައްކާވަރަށްވުރެ ހަލުވިކޮށް މަގޭ ސިކުނޑި ރޭސްޖަހައެވެ. އެހެންވެ މިރޭ ތިން އެކުވެރިންނަށް ގުޅާައި ޚިޔާލެއް ދިނީމެވެ. ލޯގަނޑުތަކުން މިސްކިތެއް ހެދުމަށެވެ. އެންމެނަށް އެމީހެއްގެ ސޫރަވެސް ފެންނާނެ މިސްކިތެކެވެ. އަހަރެމެންނަށް ނުފެންނާނީ އެންމެ ފަރާތެކެވެ. އެއީ ދިރިއުޅުމުން ވަރަށް ބޮޑަށް މަދުވާ ބަޔެކެވެ. ސޫރަތަކާއި އަލިތައް މަސްޖިދުން ފެނުމުން އެންމެން އުފާވާނެތާއެވެ. ބާމިންހަމްގައި ހުރި އެކުވެރިއަކަށް އަހަރެން ފަންސާސް ދެ ވޮއިސްނޯޓް ފޮނުވީމެވެ. އެއީ ގުރުއާން ކުލަތަކަށް ޑީކޯޑް ކުރެވޭނެގޮތް އެނގުނު ވާހަކަ ބުނަންވެގެންނެވެ. އޭނަ އެކަމަކު ޖަވާބެއް ނުދެއެވެ. އޭނަ ޖަވާބު ދޭނެއެވެ. ސަބަބަކީ މިއީވެސް އިލްހާމެއް ކަހަލަ ކަމަކަށްވާތީއެވެ. އަހަރެން ގޭގެ ކުރިމަތީގައި ދެކޮޅަށް ހިނގަން ފެށީމެވެ.މަގޭ ހިތަކީ ފާޑެއްގެ ބެޓެރީއެކެވެ. ސިކުނޑި ހޫނުވެފައިވީ ޚިޔާލުތައް ގިނަކަމުންނެވެ. ނަމާދުކުރަން މަސައްކަތްކުރީމެވެ. އެކަމަކު ހިމޭނުން ހުރެވޭގޮތެއްނުވިއެވެ. ރުކޫއަށް ގޮސްފައި ތެދުވެވެނީއެވެ. އެއް ނޭވާއިން ސޫރަތުލް ފާތިހާ ހަތްފަހަރު ކިޔައިލީމެވެ. އަހަންނަށް ހީވީ ކޮންމެވެސް ފަރާތަކުން އަހަންނާއިއެކު ހުނުމުގައި ބައިވެރިވީހެންނެވެ. އަހަންނާއި ދިމާލަކަށް ނޫނެވެ. އަހަންނާއި އެކީގައެވެ. ހުސްކަމުގެ ތެރެއިން އުފާވެރި ޝައުގުވެރިވި ހުނުމެކެވެ. "ދަރިފުޅު އޯކޭތަ؟" އަވަށްޓެރިއެއްގެ ގޭގެ ކުޑަ ދޮރު ހުޅުވައިލިއެވެ. "އަހަންނަކީ ކަރަންޓު..." ހީލާފައި ބާރަށް ބުނެލީމެވެ."ހެއްދެވިގެންވަނީ ލައިޓްއާއި ދުއާއާއި މަށި އަދި...." އަވަށްޓެރިޔާ ބަންލާފައި ދޮރު ޖެހުމުން އަހަނަށް ހެވުނެވެ. އަހަރެން ފުރާޅުމައްޗަށް އަރާފައި ތަރިތަކަށް ބަލަން އިނދެ އަރަބި، އިނގިރޭސި އަދި ފެރްންޗުބަހުންވެސް ވާހަކަދެއްކީމެވެ. އަހަންނަށް މިރޭ އެހެން އިންސާނުންނަށް ވާދަނުކުރެވޭވަރުގެ ޅެމެއް ލިޔެވިދާނެއެވެ. ކުފޫ ހަމަނުވާ ގްރޫޕް ކުދިންނަށް ޚާއްސަކޮށްފައެވެ. ﷲ ތައާލާދެކެ އެންމެ ބޮޑަށް ލޯބިވާ ބަޔަކީ އެމީހުން ނޫންހެއްޔެވެ؟ އެންމެ އަޑުހަރުކޮށްވެސް ލޯބިވަނީ އެމީހުންނެވެ. އަހަރެންގެ ފޯނު ރިންގުވާންފެށިއެވެ. އެއީ ދޮންބެއެވެ. "މަންމަ އާޒްވީ ތަނެއް ނޭގިގެން ކަންބޮޑުވެގެން އުޅެނީ.. އަވަހަށް ގެއަށް އާދޭ. ޕްލީޒް. ޖަސްޓް ކަމް ހޯމް...." އެކަމަކު އަހަރެން މިހުރީ ގޭގައެވެ. މި އުދަރެހާއި މި ވަޔާއި އަހަރެންގެ ލޭގައި ދައުރުކުރާ މި ޖޯޝްވެސްމެއެވެ. އަހަންނަށް ހެއްދެވި ފަރާތާއި އެންމެ ބޮޑަށް ގުޅުން ރަގަޅުވީ މިރޭކަމުގައި އިހުސާސްވިއެވެ. އަހަންނަކީ ޚާއްސަ މީހެކެވެ. *** އައްމާރު އެ ޖާނަލް ބޭއްވީ އަޒިއެލް ފާޚާނާއިން ނުކުންނަން ތަޅު އަނބުރައިލުމުންނެވެ. "ޢާޒް. ދޮންބެ މިއައީ ބޭސް ހިފައިގެން....ނުނިދާ ތިހެން ހުރުމަކީ ރަގަޅުކަމެއްނޫން.....ބޭސްކާލައިގެން ނިދާލާ...އޭރުން ފަސޭހަވާނީ. އާޒްއަށް އެނގެއެއްނު ބޭސް ނުކަންޏާ މި ކޮންޑިޝަން ގޯސްވާނީކަން........" އޯ.....އައިމް ފައިން...ފެންވަރާލައިގެން މިއައީ..."ޢަޒިއެލްގެ އިސްތަށިގަނޑުން ފެންތިކިތަޅައެވެ. މޫނުން ފެންނަނީ ތާޒާކަމެވެ. "އުމައިމާ ބޭގަމް މަންމަ ގާތު ބުނި އަހަރެން ރޭ ނަމާދުކުރަން މަގުމަތީގައި ހުރީ ޑްރަގް ނަގައިގެން ހެއްޔޯ....ހަމަނުޖެހޭ ވާހަކަތަކޭ ދެއްކީ..."އަޒިއެލްގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ."އުމައިމާ އާންޓްއަށް ނުވިސްނޭ....އަހަންނަކީ ކިހާ މަތީ މީހެއްކަން....އެހެންނޫންނަމަ..." "އެންމެ ރަގަޅު...ހިނގާ ލަންޗް ނަގަން....އޭގެ ފަހުން ނިދާނީ..." "ފައިން...."އަޒިއެލް އަނގަ ތަޅަމުން ދިޔައެވެ. ވާހަކަަދައްކާލެއް އަވަސްކަމުން ކިޔާ އެއްޗެއް ދޭހަވާގޮތެއްވެސް ނުވިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ