ފެޑެރާ، ޝަންހާއީގައި ހާއްސަ މެޗެއް ކުޅެނީ ފެޑެރާ، ޝަންހާއީގައި ހާއްސަ މެޗެއް ކުޅެނީ

ޝަންހާއީ، ޗައިނާ (އޮގަސްޓް 12) - މީގެ ތިން އަހަރު ކުރިން ޕްރޮފެޝަނަލް ޓެނިހުން ރިޓަޔާކުރި، ސްވިޒަލެންޑްގެ ލެޖެންޑަރީ ތަރި، ރޮޖާ ފެޑެރާ، ޝަންހާއީ މާސްޓާސްގައި ހާއްސަ މެޗެއް ކުޅެން ނިންމައިފި އެވެ.
ވިހި ގްރޭންޑް ސްލޭމް ޓެނިސް ތަށި އުފުލާލާފައިވާ ފެޑެރާ، 44، ޓެނިހުން ރިޓަޔާކުރީ 2022 ވަނަ އަހަރުގެ ލެވިސް ކަޕަށް ފަހު އެވެ. އޭގެ ފަހުން، އެކި އިވެންޓްތަކުގައި އެކްސިބިޝަން މެޗެއް ގޮތަށް ނުރަސްމީކޮށް ފެޑެރާ ކުޅެފައިވީ ނަމަވެސް، އަންނަ އޮކްޓޫބަރު މަހު ޝަންހާއީ މާސްޓާސްގައި، ހާއްސަ ޑަބަލްސް މެޗެއްގައި ކުޅެން ފެޑެރާ ވަނީ ނިންމައިފަ އެވެ.
އޮކްޓޫބަރު މަހު 10 ވަނަ ދުވަހު ކުޅޭ މި ހާއްސަ މެޗުގައި ފެޑެރާއާ އެކު ބައިވެރިވަނީ، ޗައިނާގެ އެކްޓަރު، ވޫ ލެއި، ޗައިނާގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ ޒެން ޖީ އަދި ހޮން ކޮންގްގެ ފިލްމްމޭކަރު، ޑޮނީ ޔެން އެވެ. އެ މެޗު އިސްތިހާރުކުރަން ދައްކާލި ވީޑިއޯގައި ފެޑެރާ ވަނީ ޝަންހާއީ މާސްޓާސްގައި ކުޅެލަން މި ކަހަލަ ފުރުސަތެއް ލިބުމުން ވެސް ހިތްހަަމަޖެހޭ ކަމަށެވެ.
ފެޑެރާގެ ދިގު ކުޅުމުގެ ކެރިއަރުގައި އޭނާ ޝަންހާއީ މާސްޓާސްގައި ކުޅެފައިވަނީ އެންމެ ހަތް ފަހަރު އެވެ. ހަތަރު ފަހަރު ފައިނަލުގައި ކުޅެ، ދެ ފަހަރު ތަށި އުފުލާލި އެވެ. ޗައިނާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފެޑެރާ ވަނީ އެންމެ ފަހުން ދެ ފަހަރު ޝަންހާއީ މާސްޓާސްގައި ވެސް އެ ގައުމަށް ގޮސްފަ އެވެ. އަދި، 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ފެޑެރާ ބައިވެރިވި އެވެ.
ފެޑެރާ، ކެރިއަރު ފެށީ 1998 ވަނަ އަހަރު އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފެޑެރާ ހޯދި އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓަކީ 2003 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. އޭގެ ފަހުން އޭނާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ