މިއަދު ހަވީރު 5 އިން ރޭގަނޑު 8 އަށް ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

މިނިވަން 50 ގެ ތައްޔާރީތަކަށް ޖާގަ ދިނުމުގެ ގޮތުން މިއަދު ހަވީރު 5:00 އިން މިރޭ 8:00 އަށް ވެހިކަލް ދުއްވުން މަނާކޮށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޓްރާސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، އެގޮތަށް ހަމަޖެއްސީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ހުރިހާ އުމުރު ފުރާއެއްގެ ފަރާތްތަކަށް ވެސް މިނިވަން ދުވަހުގެ ހަރަކާތްތަކުގެ އުފާ ތަފާތު ކުރުމެއް ނެތި ލިބިދެވޭނެ ގޮތަށް ކަންކަން ރޭވުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތަށް ހަމަޖެއްސި ނަމަވެސް، ހުއްދަ ދީފައިވާ އުޅަނދުތަކަށް އެ ވަގުތުގައި ވެސް ދުއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ބައެއް ޓެކްސީތަކާއި އިމަޖެންސީގައި ބޭނުން ކުރާ އެމްބިއުލެންސާއި ސިފައިންނާއި ފުލުހުން ބޭނުން ކުރާ ވެހިކަލްތަކަށެވެ.
ނާފިޒު ވިދާޅުވީ އެ ވަގުތުގެ ތެރޭގައި ހުއްދަ ނެތި ދުއްވާ ފަރާތްތަކަށް ފުރަތަމަ ނަސޭހަތް ދޭނެ ކަމަށެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ، 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން، ވިޒިޓް މޯލްޑިވްސް އިޔާގެ ހާއްސަ މިޔުޒިކްޝޯއެއް މިރޭ ރާޅުގަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ