ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލަ: ސައިކަލު ޓޯކޮށް ފިޔަވަޅު އަޅައިފި

ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައާ ގުޅިގެން ސައިކަލު ޓޯކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޒުވާނަކު ވަރަށް ނުރައްކާތެރިކޮށް ހައިވޭގައި ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އޭނާ ސައިކަލު ދުއްވަމުން ސްޓަންޓްވެސް ޖައްސާ މަންޒަރު ފެނެ އެވެ. ހައިވޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ވަރަށް ބާރަށް, އެހާމެ ނުރައްކާތެރިކޮށް އޭނާ ސައިކަލު ދުއްވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްގެ އެކަންކަން ހުއްޓުވަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރުމަށާއި އެ ޒުވާނާއަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވާލި އެވެ.
އެކަމާއި ގުޅޭގޮތުން ވޮއިސް އިން ސުވާލުކުުރުމުން ފުލުހުން ބުނީ، މި ވީޑިއޯ ފުލުހުންގެ ސަމާޅު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ވީޑިއޯއާ ގުޅިގެން ކަންކަން ބަލަމުން ދަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ވީޑިއޯ އިން ފެންނަ ސައިކަލު ވެސް ހިމެނޭކަން ފާހަގަ ކުރެވި އެ ސައިކަލް ޓޯ ކޮށް ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެޅި ފިޔަވަޅެއް ފުލުހުން ނުބުނެ އެވެ. ބެލެވެނީ އޭނާގެ ލައިސަންސް ހިފަހައްޓާ ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅެއް އެޅި ކަމަށެވެ.
ބައެއް މީހުން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާ ހަދާއިރު، އެފަދަ ވީޑިއޯތައް އެމީޙުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް އަޕްލޯޑްކޮށްފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ