މި އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޓޫރިސްޓު އެރައިވަލް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނި ރާއްޖެއަށް 9،903 ޓޫރިސްޓުން އައެވެ. މިއީ މި އަހަރުގެ ރެކޯޑެކެވެ.
މި އަހަރު ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ހޮނިހިރު ދުވަހު އެވެ. އެއީ 9،584 ޓޫރިސްޓުންނެވެ. މި އަހަރުގެ ތެރޭ ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ 1، ގަ އެވެ. އެއީ 9,495 ޓޫރިސްޓުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައީ ޑިސެމްބަރު 28، ގަ އެވެ. އެއީ 9،440 ޓޫރިސްޓުންނެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމައަށް މި އަހަރު ރާއްޖެ އައިސްފައިވަނީ 2,223,698 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.9 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތް އިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައުމާއެކު އިއްޔެ ވެގެން ގޮސްފައިވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރުބޮޑުވި އެއް ދުވަހަށެވެ.
ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލްތަކުން އެކަނި އިއްޔެ 22،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދިނެވެ. ޑޮމެސްޓިކް ފަސިންޖަރުންނާއެކު އިއްޔެ އެ އެއާޕޯޓުން ހިދުމަތް ދިން މީހުންގެ އަދަދު 27،000 އިން މައްޗެވެ.
ޓޫރިސްޓުންގެ އިތުރުން އިއްޔެ ވީއައިއޭގެ ބާރުބޮޑުވި އަނެއް ސަބަބަކީ މި ހަފުތާ ފެށުނު ސްކޫލުތަކުގެ ޗުއްޓީ އެވެ. މި ޗުއްޓީ އާއެކު އުމްރާ އަށް އަދި އެހެން ގައުމުތަކައި ޗުއްޓީ ހޭދަކުރުމަށް ފުރާ ދިވެހިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މި އަހަރު ތެރޭ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ މި އަހަރު ތެރޭ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ