ސެމްސަންގް ބިކްސްބީއިން އުނދަގޫ ސުވާލުތަކަށް ޖަވާބު ދިނުމަށް ޕާޕްލެކްސިޓީ އޭއައިގެ އެހީ ހޯދަނީ
ސެމްސަންގްގެ ވޮއިސް އެސިސްޓެންޓް "ބިކްސްބީ"ގެ ގާބިލިއްޔަތު އިތުރުކޮށް، އޮޅުން ބޮޑު ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް ޕްލެޓްފޯމެއް ކަމަށްވާ "ޕާޕްލެކްސިޓީ އޭ.އައި"އާ ގުޅިގެން މަސައްކަތް ފަށައިފިކަމުގެ ހެކިތައް ފެންނަން ފަށައިފިއެވެ. ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުންނާއި، ސޯޝަލް މީޑިއާގައި ބައެއް ޔޫޒަރުން ހިއްސާކޮށްފައިވާ ސްކްރީން ޝޮޓްތަކުން ދައްކާގޮތުގައި، ބިކްސްބީއަށް ކުރާ އުނދަގޫ ނުވަތަ ތަފްސީލީ ޖަވާބު ބޭނުންވާ ސުވާލުތަކަށް މިހާރު ޕާޕްލެކްސިޓީ މެދުވެރިކޮށް ޖަވާބު ލިބެއެވެ. މިގޮތުން ލިބޭ ޖަވާބުތަކުގެ ތިރީގައި ޕާޕްލެކްސިޓީގެ އައިކޮން ފެންނަން ހުންނައިރު، ޖަވާބު އެކުލަވާލުމަށް ބޭނުންކުރި މައުލޫމާތުގެ މަސްދަރު ނުވަތަ "ސޯސް" ތައް ބަލައިލެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ. މި އާ ފީޗާ ފުރަތަމަ ފެނިފައިވަނީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ "ގެލެކްސީ އެސް25 ސީރީޒް" ގައި ބޭނުންކުރަމުންދާ "ވަން ޔޫ.އައި" ގެ ބީޓާ އަޕްޑޭޓެއްގެ ތެރެއިންނެވެ. މީގެ ކުރިން ޓެކް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައި އޮތީ މި ފީޗާ ތަޢާރަފުކުރާނީ އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "ގެލެކްސީ އެސް26" ސީރީޒްއާ އެކުގައި ކަމަށެވެ. ނަމަވެސް، މިހާރުން މިހާރަށް މި ފީޗާ ޓެސްޓުކުރަން ފެށުމުން، ސެމްސަންގުން އޭއައިގެ ރޭހުގައި ކުރިއަރަން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަން ހާމަވެއެވެ. މިއީ އެޕަލްގެ ވޮއިސް އެސިސްޓެންޓް "ސިރީ" އިން، އުނދަގޫ ސުވާލުތަކަށް ޖަވާބު ހޯދުމަށް "ޗެޓްޖީޕީޓީ" ބޭނުންކުރާ ގޮތާ ވަރަށް އެއްގޮތް ކަމެކެވެ. ނަމަވެސް، ޕާޕްލެކްސިޓީގެ އެންމެ ފަހުގެ ޒަމާނީ ފީޗާތައް ކަމަށްވާ "ޑީޕް ރިސާޗް" ނުވަތަ ޕްރޯ ސަބްސްކްރިޕްޝަންގެ ޚިދުމަތްތައް ބިކްސްބީ މެދުވެރިކޮށް ލިބޭނެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ސެމްސަންގާއި ޕާޕްލެކްސިޓީއާ ދެމެދު އޮތް ގުޅުން ބަދަހިވަމުން އަންނަ ކަމުގެ ވާހަކަތައް މި އަހަރުގެ ކުރީކޮޅުން ފެށިގެން ވެސް ދިޔައީ ދެކެވެމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ސެމްސަންގުން ވަނީ އެ ކުންފުނީގެ ސްމާޓް ޓީވީތަކަށް ޚާއްސަ ޕާޕްލެކްސިޓީ އެޕްލިކޭޝަނެއް ވެސް ތަޢާރަފުކޮށްފައެވެ. މި ބަދަލާއެކު، ސެމްސަންގް ގެލެކްސީ ފޯނު ބޭނުންކުރާ ފަރާތްތަކަށް ބިކްސްބީ މެދުވެރިކޮށް ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ