ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވަން ލައިސަންސަށް އެދިއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމަށް ސެންޓްރަލް ބޭންކަށް ފީސިބިލިޓީ ސްޓަޑީ އާއި ޕޮރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންވާނީ ސްރީލަންކާގައި ބްރާންޗެއް ހުޅުވުމަށްޓަކައި ލައިސަންސަށް އެދި ސެންޓްރަލް ބޭންކަށް ހުށަހަޅާފައި. ދެން ރާއްޖެއިން ބޭރުގައި ބޭންކް ދާއިރު ބޭންކް ބްރާންޗް ހުޅުވާއިރު ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ވެސް އެބަހުރޭ،" އޭނާ ވިދާޅުވި އެވެ.
ބޭރުގެ ގައުމެއްގައި ބްރާންޗެއް ހުޅުވޭނީ ބޭންކުގެ ކެޕިޓަލްވެސް ބޮޑުވެގެންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ބީއެމްލްގެ ކެޕިޓަލް މިހާރު ހުރި މިންވަރުން ބީއެމްއެލްގެ ބްރާންޗެއް ލަންކާގައި ހުޅުވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ކެޕިޓަލް މިދިޔަ އަހަރުތަކުގައި އިތުރުވަމުން ގޮސް 16 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
"ހަމަ ސްރީލަންކާ ނޫން އެހެން ހިސާބުތަކަށް ބޮޑު ފައިނޭންޝަލް ސެންޓްރަކަށް އަޅުގަނޑުމެން މޫވްކުރަން ބަލާކަމަށްވަންޏާ ވެސް އަޅުގަނޑުމެންގެ ކެޕިޓަލްވެސް ފުދޭ ވަރަކަށް ބޮޑުވާންޖެހޭނެ އެނގޭތޯ. ދެން ބޭންކްގެ ކެޕިޓަލްވެސް މިހާރު ފުދޭވަރަކަށް މިދިޔަ އަހަރުތަކުގައި ގްރޯވަމުން އައިސް މިހާރު ގާތްގަނޑަކަށް 16 ބިލިއަންގައި މިއިނީ،" އޭނާ ވިދާޅުވި އެވެ.
ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފިނަމަ އެ ބްރާންޗް ވެގެންދާނީ ރާއްޖެއިން ބޭރުގައި ބީއެމްއެލް އިން ހުޅުވާ ފުރަތަމަ ބްރާންޗަށެވެ.
ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 267 އޭޓީއެމް ވަނީ ގާއިމުކޮށްފަ އެވެ. އެ ބޭންކުން އަންނަނީ މުޅި ރާއްޖޭގައި އެ ބޭންކްގެ ހިދުމަތްތައް އަދިވެސް ފުޅާކުރަމުންނެވެ.
ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސަށް އެދިއްޖެ ސްރީލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ