ހޮރްމޫޒް ކަނޑުއޮޅިން ފީ ނެގުމަށް އީރާނުން ގާނޫނެއް އެކުލަވާލަނީ

ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުމަށް މަގުފަހިކުރުމަށާއި އެ ސަރަހައްދުގެ މައްޗަށް އޮތް ބާރުވެރިކަން ރަސްމީކޮށް ކަނޑައެޅުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.
އީރާނުގެ ފާރްސް ނިއު އެޖެންސީން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ މެންބަރަކު ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ ސިޔާދަތީ ބާރާއި ކޮންޓްރޯލް އަދި ބެލެހެއްޓުމުގެ ޒިންމާ ގާނޫނީ ގޮތުން ރަސްމީކޮށް ބަލައިގަތުމަށާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގައިގެން އާމްދަނީ ހޯދޭނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅުމެއް ތައްޔާރުކުރަމުންދާ ކަމަށެވެ.
މި އިސްލާހު ހުށަހަޅާފައިވަނީ މެދުއިރުމަތީގެ ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވާ ދަނޑިވަޅެއްގަ އެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅި، ތެޔޮ ޓޭންކަރުތަކަށް މިހާރު އޮތީ ބޮޑު ބައެއް ބަންދުކޮށްފަ އެވެ.
މިކަމުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ ތެޔޮ އުފެއްދުމަށާއި ސާފުކުރުމަށް ބުރޫއަރައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލެން ފަށާފަ އެވެ. އެގޮތުން، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 114 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ