ކައުންސިލް އިންތިހާބު: 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.އީސީން މިރޭ އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީކައުންސިލްތަކަށް ކުރިމަތިލާން މިހާތަނަށް 1،010 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ފޯމް ހުށަހެޅީ 750 ފަރާތަކުންނެވެ. އަނެއް 260 ފަރާތުގެ ތެރެއިން 77 ފަރާތަކުން، ޝަރުތު ހަމަނުވާތީ އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.ޝަރުތު ހަމަވާ 750 ފޯމުގެ ތެރެއިން 617 ފޯމަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ފޯމްތަކެވެ. އަނެއް 133 ފޯމަކީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން އެދި ހުށަހެޅި ފޯމްތަކެވެ.އީސީގެ ހިސާބުތަކުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާން 734 ފޯމް ހުށަހެޅި އިރު އޭގެ ތެރެއިން ޝަރުތު ހަމަވީ ޕާޓީތަކުން ހުށަހެޅި 488 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 86 ފޯމާ އެކު ޖުމްލަ 574 ފޯމެކެވެ. އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އެ އިންތިޚާބުތަކުގައި ވާދަކުރުމަށް ހުޅުވާލީ، މި މަހު 17ގައެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ. އީސީން ބުނި ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅެނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:39 އިން 15:30އަށެވެ. ހުކުރު ދުވަހު ފޯމު ހުށަހެޅެނީ، 15:30އިން 18:00އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ