ވިޝާމްގެ ހިތް އަދިވެސް އޮތީ ވޮލީގައި، އެކަމަކު އިސްކުރީ ރަށަށް ޚިދުމަތްކުރުން

މީގެ އަހަރުތަކެއް ކުރިން ގައުމީ ވޮލީބޯޅަ ޓީމަށް ސެޓަރުގެ މަގާމުގައި އޭނާ ކުޅުއްވިއެވެ. އެކިއެކި ކުލަބު މުބާރާތްތަކާއި ރިސޯޓު މުބާރާތްތަކުގައި ބައިވެރިވެ، ކުޅުއްވި ޓީމުތަކަށް ކާމިޔާބީ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. ހަމަ އެހެންމެ، އެންމެ މޮޅެތި ވޮލީ ކުޅުންތެރިންގެ ތެރޭ އޭނާގެ ނަން ހިމެނުނެވެ. އެކަމަކު އުމުރުން 31 އަހަރުގެ ޙުސައިން ވިޝާމް، ނުވަތަ ވޮލީގައި މަޝްހޫރު ނަމުން ނަމަ ބުޅިކޭ މިވަގުތު ހުންނެވީ އުފަން ރަށް ވ. ފެލިދޫ ކައުންސިލުގެ ރައީސްކަމުގެ މަގާމުގައެވެ. 2018 ވަނަ އަހަރު ބޭއްވި ގައުމީ ވޮލީ މުބާރާތުގައި ޢަލީ ހުޒާމް (ހުޒާންޓޭ)، ޙުސައިން ވިޝާމް (ބުޅިކޭ) އަދި ޙަސަން ނިލާމް (ޕާޓޭ) (ކ-ވ)، ގައުމީ ވޮލީ މުބާރާތުގެ ތަށި ހިފައިގެން --- ފޮޓޯ: ނިޝާން ޢަލީ / މިހާރު ވިޝާމް އޭނާގެ ތަޖުރިބާ ހިއްސާކޮށްދެއްވީ އުފަލާއެކުގައެވެ. އޭނާ ވިދާޅުވީ، އަދިވެސް ކުލަބު ފެންވަރުގައި ކުޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް، ފެލިދޫ ކައުންސިލުގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާތީ، މިވަގުތު ގައުމީ ޓީމަށް އެ ފުރުސަތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައިވެސް ކުލަބު ފެންވަރުގައި ވޮލީ ކުޅުއްވާނެ ކަމަށް، މީގެ ކުރިން އެސްޓީއޯއަށާއި ސްޕޯޓްސް ކްލަބް ގުޑީސްއަށް ކުޅުއްވައި، އެ ކުލަބުގެ ކެޕްޓަންކަންވެސް ކުރެއްވި ވިޝާމް ވިދާޅުވިއެވެ. "ކުލަބު ލެވެލްގައި ފެންނާނެ އަދިވެސް، އެކަމަކު ދެން ގައުމީ ޓީމަށް މިހާރު ވަގުތު ދެވެން ނެތީމަ [ގައުމީ ޓީމަށް މިވަގުތު ކުޅުމުގެ ވިސްނުމެއް ނެތް]،" މަދަރުސީ ދައުރުގައި ވެސް ވޮލީ ކުޅެން ޝައުގުވެރިކަން ހުންނެވި ވިޝާމް ވިދާޅުވީ، އޭރުވެސް ރަށުގައި އެއްބަނޑު އެއްބަފާ ބޭބެއާއި ކޮއްކޮއާއި އެކީ ކުޑައިރު ވޮލީ ކުޅުއްވި ކަމަށާއި، ވޮލީގެ ތެރެއަށް ވަދެވުނީ 2007-2008 ހިސާބުގައި ކަމަށެވެ. އަދި އިންޓަ-ސްކޫލު މުބާރާތުގައި 2009ވަނަ އަހަރާއި 2010ވަނަ އަހަރު ކުޅުއްވިއެވެ. ޙުސައިން ވިޝާމް 2019ވަނަ އަހަރު ގައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކްލަބް ގުޑީސް އަށް ކުޅުއްވިއިރު: އޭރު އެއީ ގުޑީސްގެ ކެޕްޓަން --- ފޮޓޯ: ހުސައިން ވަޙީދު / މިހާރު "އޭރުއްސުރެ އަޅުގަނޑުމެން ސްކޫލު ދައުރުގައި އުޅޭނެ ގައުމީ ލެވެލްގައި ކުޅެފައި ތިބި ކުޅުންތެރިން، ދެން އެ ބޭފުޅުން ރަށަށް އަންނަ ދުވަސްވަރުގައި އެ ބޭފުޅުންނާއެކު އެހެން ކުޅެމުންކުޅެމުން ގޮސް ޝައުގުޖެހުނީ، އޭރު ހުޒާމް، ނިލާމް، ޝާއިން، ޖަވާމް، މިހެން ގޮސް ގައުމީ ޓީމުގައި ވެސް ވ. އަތޮޅުގެ ގިނަ ކުޅުންތެރިން [ހިމެނުނު]" މަދަރުސީ ދައުރަށްފަހު ވިޝާމް ކުލަބު ލެވެލްގައި ވޮލީ ކުޅުއްވަން ފެށްޓެވީ އަޝްރަފް ކޯޗާއި ޝަރަފް ކޯޗު ފަހިކޮށްދިން ފުރުސަތުތަކެއްގައެވެ. އޭގެ ފަހުން ރިސޯޓާއި ކުލަބު ލެވެލްގެ އެކި މުބާރާތްތަކުގައި ކުޅުއްވުމަށްފަހު ގައުމީ ޓީމަށް ކުޅުއްވިއެވެ. ފާހަގަކުރެވޭ އެއް ކަމަކީ ވިޝާމަކީ ވޮލީގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމެވެ. އެގޮތުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޙަސަން ނިލާމް (ޕާޓޭ)އާއި އެއްބަނޑު އެއްބަފާ ބޭބެ ޢަލީ ހުޒާމް (ހުޒާންޓޭ) އަކީ ވެސް ގައުމީ ފެންވަރުގައި ވޮލީގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. އެގޮތުން ތިންބެއިން 2018ވަނަ އަހަރުގެ ފަހުކޮޅު އޮތް ގައުމީ ވޮލީ މުބާރާތުގައި ޕޮލިސް ކުލަބަށް ކުޅެ، އެ ކުލަބަށް ކާމިޔާބީ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ވިޝާމް ވިދާޅުވީ، ވޮލީގައި އޭނާ ކުރިއަށް ދިޔައީ ބޭބެ ހުޒާންޓޭއަށް ބަލައިގެން ކަމަށާއި، އެންމެ ބޮޑު ހިތްވަރެއް ދިނީ ބޭބެ ކަމަށެވެ. ހިތް އޮތީ ވޮލީގައި، މިވަގުތު އޮތީ ބޮޑަށް ރަށަށް ޚިދުމަތްކުރުމުގެ ވިސްނުން ކައުންސިލަރުކަމުގެ ފުރަތަމަ ދައުރު، ވެރިކަންކުރާ ޕީއެންސީގެ ސްލޮޓެއްގައި ފުރިހަމަކުރައްވަމުން ގެންދަވާ ވިޝާމް ވިދާޅުވީ، މިވަގުތު އޭނާގެ ވިސްނުން ހުރީ ރަށަށް ޚިދުމަތްކުރެއްވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ނިމެމުން އަންނަ ކައުންސިލުގެ މި ދައުރުގައި ހިތްހަމަޖެހޭ ވަރަށް ރަށަށް ޚިދުމަތް ކޮށްދެވިއްޖެ ކަމަށެވެ. "އަޅުގަނޑުގެ ވިސްނުން ހުރީ އަދިވެސް އެއް ދައުރު ފެލިދޫގެ ކައުންސިލުގައި، ފެށޭ ދައުރުގައި އިރާދަކުރެއްވިއްޔާ މަސައްކަތްކުރުމުގެ ވިސްނުމުގައި،" ކައުންސިލުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ވިޝާމް ވިދާޅުވިއެވެ. އެއާއެކުވެސް، ރަށު ފެންވަރުގައި ވޮލީ ކުރިއެރުވުމަށް ޓަކައި މަސައްކަތްކުރައްވާނެ ކަމަށާއި، ރާއްޖެ ވޮލީ މުބާރާތުގައި ފެލިދޫ ބައިވެރިކުރުވުމުގެ ވިސްނުމެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ