ފިލްމު 'ޗާންދް މޭރާ ދިލް'ގެ ޓީޒާ ދައްކާލައިފި
ބޮލީވުޑްގެ ޒުވާން ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ ލީޑް ރޯލް ކުޅޭ ފިލްމު "ޗާންދް މޭރާ ދިލް"ގެ ޓީޒާ ދައްކާލައިފިއެވެ. މި އަންނަ މަހުގެ 22 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް "ޗާންދް މޭރާ ދިލް" އަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ. ވިވެކް ސޯނީ ޑައިރެކްޓްކޮށް ޕްރޮޑިއުސަރުންގެ ޓީމުގައި ކަރަން ވެސް ހިމެނޭ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ވިވެކް އަކީ މިދިޔަ އަހަރު ނެޓްފްލިކްސްއާ ގުޅިގެން ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "އާޕް ޖޭސާ ކޮއި މެރީ"ގެ ވެސް ޑައިރެކްޓަރެވެ. އެ ފިލްމުގެ ވާހަކަ ގިނަ ބަޔަކަށް ކަމުދިޔައިރު ފިލްމު "ޗާންދް މޭރާ ދިލް"އަކީ ވެސް އެފަދަ ރަހަތަކެއް އެކުލެވޭނެ ރީތި ފިލްމަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމު "ޗާންދް މޭރާ ދިލް"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ ދަރުމާ ޕްރޮޑަކްޝަންސްއިން ފިލްމީ ކެރިއަރު ފެށި ލަކްޝްގެ މިއީ ދެވަނަ ފީޗަ ފިލްމެވެ. ލަކްޝް ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2024ގައި ރިލީޒްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފިލްމު "ކިލް"އިންނެވެ. ލަކްޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ. މި ވެބް ސީރީސް އަކީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ފިލްމު ޑައިރެކްޝަނަށް ތައާރަފްވި ސީރީސްއެވެ. ލަކްޝްއާ އެކު "ޗާންދް މެރާ ދިލް"އިން ބަތަލާގެ ރޯލްއިން ފެންނާނެ އަނަނިޔާ ޕާންޑޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ވެސް ދަރުމާގެ ފިލްމަކުންނެވެ. އެއީ ކާތިކް އާރްޔަން ލީޑް ރޯލް ކުޅުނު ފިލްމު ""ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ