ދައުރު މެދު ތެރެއިން، ޑރ މުއިއްޒަށް ނާކާމިޔާބުވި ސަބަބުތައް (2)

(ކުރީ ދުވަހުގެ ނޫހާ ގުޅޭ) ނިއުޒިލޭންޑުގެ ރައްޔިތުކަމާއި އިނގިރޭސި ވިލާތުގެ ރައްޔިތުކަމުގެ ގޮތުގައި ތިއްބަވަނިކޮށް ދިވެހި މާހައުލަށް އޮޅުކުރެވޭތޯ ބައްލަވަން ގެންނަވައިފައިވާ ދެ ވަޒީރަކު ވެސް އަޅުގަނޑުމެންގެ ފައިސާއިން މުސާރަ ދީފައި އެބަ ތިއްބެވިއެވެ. އަދި އެ އުޅުއްވަނީ ކާޅާއި ވާލަކީ ކޮން އެއްޗެއްކަން ވެސް ވަކިކުރާން އެނގިވަޑައިނުގަންވައިގެންނެވެ. އެ ވަޒީރުންގެ ފަރާތުން "ރަނގަޅު ޕާފޯމަންސް" އެއް ނުދެއްކިގެން މިހާރު އެއް ފަހަރު ވުޒާރާ ބަދަލުކުރައްވައިފިއެވެ. ރައްޔިތުންނަށް އެއްވެސް ބަދަލެއް ފެނުނުތޯއެވެ؟ ނުފެނެއެވެ. ރާޒުވާ ކުޅިބައިގައި ހުންނަ މަނާއަށް ދުވެވޭނީ ފަހަރަކު ގޮޅީއަކަށެވެ. މި ވެރީންނަށް އެ ވަރު ވެސް ނުވެއެވެ. އެ ވަޒީރުންގެ ކިބައިގައި އެ ގާބިލުކަން ނެތިގެން އެކަމާ އެތައް ބަޔަކު މީސްމީޑިއާގައި ހޯބޯލަވާތާ އެތައް ދުވަހެކެވެ. ބަދަލެއް ނާދެއެވެ. ނުވެސް އަންނާނެއެވެ. އާނއެކެވެ. ހިކިކޭޅު ދަޅިއަކުން ދިޔައެއް ނުފިލޭނެއެވެ. 17 ނޮވެމްބަރު 2025: ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ސޯޝަލް ސެންޓަރުގައި އޮތް ޖަލްސާއެއްގައި ސަރުކާރުގެ ދެ ވަޒީރުންކަމަށްވާ މާރިޔާއާއި ހައިދަރު -- ފޮޓޯ: ރައީސް އޮފީސް ގައުމުގެ އިގްސާދީ އިންޖީނާ ހަވާލުވެ ހުންނެވި ވަޒީރުގެ ހާލަތަކީ، ހައްދަވާ ހިސާބު އަދަދުތައް ދިމާނުވުމެވެ. ބަންކަރިންގ ޚިދުމަތް ފައްޓަވައި ދެއްވައިފައި ވިދާޅުވި 400 މިލިއަނުގެ އަދަދު ދިމައެއް ނުވެއެވެ. އެދުރުބެއެއް ގާތުން އެއްކޮށް ކަނޑާ ގުނަކުރަން ދަންނަ މީހަކަށް ވެސް ވަޒީރު ހައްދަވާ ހިސާބު ދިމާނުވާކަން އެނގެއެވެ. ދިވެހިން މުއްސަނދިވާ ވަރުގެ ބޮޑު ބޭންކެއް ހުޅުވައިދެއްވިއެވެ. އެ ތަނުން ރައްޔިތަކަށް ލިބުނު އެއްޗެއް ފެންނާކަށް ނެތެވެ. "ކުޅި ދައްކާނެކަމަށް" ވިދާޅުވި ވަޒީރަށް، ރައްޔިތުން ދައްކަވައިދެއްވީ އެންމެ ކުޅިއެއް ނޫނެވެ. އެ ދެއްކެވި ކުޅީގެ އަސަރު ޔަގީނުން ވެސް ވޯޓަށް ކޮށްފައިވެއެވެ. އެކަމާ ހިތްޕުޅާ ނުވިއަސް މިއީ ހަގީގަތެކެވެ. ދިވެހި ރައްޔިތުންގެ ދާޚިލީ ކަންކަމާ ހަވާލުވެ ހުންނެވި ދާޚިލީ ވަޒީރު ކަންތައްތައް ކުރެއްވި ގޮތް ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އެރިއެވެ. ދިވެހި ރައްޔިތުންގެ އައިޑީކާޑުގެ މައުލޫމާތުތައް ބޭނުންކޮށްގެން އަމިއްލަ ވަށީގައި ކަނޑޫ ޖަހާލިކަން އެހެރީ ފޮޓޯއާއެކު ފެންނާށެވެ. އިޓަލީގެ ޕިއްޒާ ފަރިއްކުޅުއްވަމުން ކުރެއްވުނު ކަމެއްގެ ހާމަ ތަސްވީރުތައް ތާރީޚަށް ޓަކައި ރައްކާކުރެވިފައި އެބަހުއްޓެވެ. މިކަންކަން މި ގޮތަށް ބޭޒާރުވުމުގެ ސަބަބުން، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ވަޒީރުގެ އިސްތަށިފުޅުގައި އެޅުނު ތުހުމަތު ކުޑަތޯއެވެ؟ މި ފަދަ އެތައް މިސާލުތަކެއް ދެއްކިދާނެއެވެ. ދިވެހި ރައްޔިތުންނަކީ ތަންދޮރު ނުދަންނަ "ސިޔާސީ ގުބޯ"ތަކެއް ކަމަށް ދުށް ޒަމާން މާޒީވެއްޖެއެވެ. އެހެންވީމާ ސިޔާސީ ގޮތުން ތަންދޮރު ފިލައިފައި ތިބި ބަޔަކު ވޯޓުން އެކަން ސާބިތުކޮށް ދޭނެއެވެ. މި ފަހަރުގެ ވޯޓުން އެ ފެނުނީ އޭގެ އަސަރެވެ. ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ހެވެއް ފޯރުކޮށް ނުދެވުނު ތާނގައި މި ސަރުކާރަށް އެ މީހުންގެ ފަރާތުން ހޯދައިދެވުނު ވޯޓެއް ވެސް ނެތްކަން ކަށަވަރެވެ. އެންމެ ދެކުނުގައި އޮތް އަތޮޅުގެ ރަށަކުން ދެބަފައިންނަށް ފާޅުކަން ބޮޑުކޮށް ނޫނެކޭ ބުނެ މީގެ ކުރީގައި ވެސް ވޯޓަކުން ނަތީޖާ ދައްކައިފައިވެއެވެ. ފިނިފެން މަލެއް ވިޔަސް، ކަރައެއް ވިޔަސް ނުވަތަ ވިލާތުގެ ރައްވެއްސެއްކަމުގައި ވިޔަސް ދިވެހި ރައްޔިތުން އަތުން ވޯޓެއް ހޯދައިނުދެވޭނެ ކަން ރައީސަށް އެނގިވަޑައިނުގަތުމަކީ ދެރަކަމެކެވެ. އަދި އެއިން ވަޒީރެއް ވިދާޅުވެގެން އެ ބޭފުޅުންގެ އަމިއްލަ އުފަން ފަސްގަނޑުން ވެސް ވޯޓެއް ލިބިފައި ނުވާކަން މި ފެނުނު ނަތީޖާތަކުން ދޭހަވެއެވެ. ރައީސް އޮފީހުގައި ރައީސްގެ އެންމެ އަރިހުގައި ތިއްބެވި ވަޒީރުންނަށް ވެސް، އެ މީހުންގެ މަސްވަޅުލައި، ފޫޅުކަނޑައިފައިވާ ރަށްރަށުން ވޯޓު ހޯދައިނުދެވުނެވެ. ހޯރަފުށްޓެއް ވަށަފަރެއް ކިޔާނެކަމެއް ނެތެވެ. އެހެންވީމާ، ވަޒީރުންގެ ނާގާބިލުކަމަކީ މިއަދުގެ ސަރުކާރަށް ވޯޓުގައި ދަށް ނަތީޖާއެއް ލިބުނު ސަބަބެއްކަމަށް ފެނެއެވެ. 17 ނޮވެމްބަރު 2025: ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ސޯޝަލް ސެންޓަރުގައި އޮތް ޖަލްސާއެއްގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް 4. ކުންފުނިތަކުގެ ވެރީންގެ ޚިޔާނާތްތެރިކަން ސަރުކާރުގެ ބޮޑެތި ގިނަ ކުންފުނިތަކެއްގެ ވެރީންނަށް ތިއްބެވި ބޭބޭފުޅުންގެ އިސްތަށިފުޅުގައި އެޅިފައިވާ ޚިޔާނާތުގެ ތުހުމަތުތަކަކީ، ތުހުމަތަކަށް ވުރެ ބޮޑަށް ކަށަވަރުކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަންކަމެވެ. ހުޅުމާލޭގެ އަގު ބޮޑު ބިމުން އަމިއްލަ އާއިލާގެ މީހުންނަށް ހަމައާއި އުސޫލުން ބޭރުން ދީފައިވާ ގޯތީގެ މައްސަލައާއި ކުންފުނިތަކުގައި އާއިލާ މީހުންނަށާއި ސިޔާސީ މީހުންނަށް ދީފައިވާ ވަޒީފާތަކުގެ ހަގީގަތް ދިވެހީންނަށް އެނގެއެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގުމުގެ މައި ކުންފުނީގެ ވެރިއަކަށް ހުންނެވި ބޭފުޅާ ލައްވާ ސަރުކާރުން ހިންގުވާ ސިޔާސީ ހަރަކާތްތަކަކީ ދިވެހީން ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުގެ ފައިސާ ރައްކާކުރާ "ތިޖޫރި" ހިއްޕަވައިގެން އެ ތިޖޫރީގެ ސީއީއޯ އާއެކު ރަށްރަށަށް ރައީސް ވަޑައިގެން ޖެއްސެވި ސަކަރާތް ވެސް ދިވެހީން މި ތިބީ ބަލާށެވެ. ޕޯޓްސް ލިމިޓެޑާއި އެމްޓީސީސީއާއި ފެނަކައާއި ސްޓެލްކޯ ފަދަ ކުންފުނިތަކުގެ ޚިޔާނާތުގެ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. އެކަންކަން ފަރުދާގެ ފުރަގަހުން ކުރިމައްޗަށް ނުކުމެ، ހާމަވުމުގެ ނަތީޖާއަކީ ދިވެހީންގެ ނިންމުން މި ފެނުނު ގޮތަށް ފެނުމެވެ. އެއްޗެކޭ ނުބުނެ ރައްޔިތުން ނުކުމެ އަތްޖެހީ އެ މީހުންނަށް ހެވެއް ވާތީއެއް ނޫނެވެ. ދިރިއުޅުމުގެ ދަތި ޒަރޫރަތްތައް ފުއްދޭން އޮތީ އެ ގޮތަށް ކަމަށް ވީތީއެވެ. އެހެނަސް، އެ ހިނގައި ދިޔައީ ރަނގަޅުކަމެއް ނޫންކަމަށް ނިންމައި ދިނީ މި ފަހަރު މި ލީ ވޯޓުންނެވެ. 5. ރޯމާދުވާލު ދައުލަތުގެ ފައިސާ އަމިއްލަ މީހުންނަށް ބަހާލުން އެތައް ޕްރޮޖެކްޓެއް ހިންގުމުގެ ނަމުގައި ދިވެހި މާލިއްޔަތު ގާނޫނާ ނުވަތަ ގަވައިދާ ޚިލާފަށް ނުވަތަ އެ ފަދަ ގާނޫނުތަކަށާއި ގަވައިދުތަކަށް ބަދަލު ގެނެސްގެން އެންމެންގެ ކުރިމަތީ ހިންގި "ޚިޔާނާތެއް ކަމަށް ބެލެވޭ އަމަލަކީ މިހާތަނަށް މި ގައުމުގައި ހިންގި އެންމެ ފާޅުކަން ބޮޑު ހަޑިހުތުރު އަމަލަށް ވާނެއެވެ. އެކަންކަން ހުއްޓުވަން ކުރެނދި ދަނޑިބުރިއާއި ލަޓިބުރި ހިފައިގެން ދިވެހީން ނުނުކުތީ އެއްގޮތަކަށް ވެސް އެކަންކަން ރަނގަޅުވެގެނެއް ނޫނެވެ. އަދި ބަލައިގަނެގެނެއް ވެސް ނޫނެވެ. އެހެންނަމަވެސް ހަމަނުޖެހުމާއި ތަޅާފޮޅުމާއި ލޭއޮރުވުމަށް ދިވެހީން ބޭނުންނުވާތީއެވެ. އަދި ވޯޓުލާން ޖެހޭ ދުވަހެއް އަންނާނެކަން ދިވެހީން ދަންނާތީއެވެ. އެކަން ދަނެ ތިބެ، އެއީ ކޮށްގެން ވާނެކަމެއް ނޫންކަމަށާއި އަދި އެކަން ތަކުރާރުކުރަން ފުރުސަތު ނުދޭނެކަން ބުނެ ހާމަކޮށްދިނީ އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ވޯޓުންނެވެ. އެއީ ވެސް މި ސަރުކާރަށް ނާކާމިޔާބު ވި ސަބަބެއްކަން ކަށަވަރެވެ. 6. ރައީސްގެ ވާހަކަފުޅުތަކުގެ ދޯހަޅިކަން ގައުމުގެ ލޮބުވެތި ރައްޔިތުންނަށް ފުރަގަސްދެއްވައި، "އޭ މިހަރަ ދިދައާއޭ" ވިދާޅުވެ ވާހަކަ ދެއްކެވި ދުވަހުން ފެށިގެން އެ މަނިކުފާނުގެ ވާހަކަފުޅުތަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މާލާމާތް ރައްދުކުރަން ފައްޓައިފިއެވެ. ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެން ދެއްވި ތަގުރީރަކީ ގައުމެއްގެ ރައީސަކު، ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވާ ތަގުރީރެއްގައި ހުންނަން ޖެހޭ ފެންވަރު ހުރި ތަގުރީރެއް ނޫންކަމަށް އެތައް ބަޔަކު ބުނަމުން ދިޔައެވެ. ބުއްދި ގަބޫލުނުކުރެވޭ ފަދަ އެތައް ވާހަކަތަކެއް ތަގުރީރުތަކުގައި ވިދާޅުވަމުން ދިޔައިރު، ތައުލީމީ ދަރީންތައް އެ ތަގުރީރުތައް ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. ކަނޑު އަޑީގައި ބިއްލޫރި ޓަނަލެއް އެއްޅުއްވުމާއި ވިޔަފާވެރީންނާ ޖަދަލުކޮށް ޑޮލަރު މާރުމާރުކުރަން ޖެހޭނެކަމަށް ވިދާޅުވެ "ގެރި ޒުވާބު"ކުރެއްވިއެވެ. ޑޮލަރުގެ އަގު މައްޗަށް ނާރާނެކަމަށް ވިދާޅުވިއެވެ. 3 އަހަރުތެރޭ 10 ރިސޯޓު ހުޅުވައި ކޮންމެ ރައްޔިތެއްގެ އެކައުންޓަކަށް 400 ޑޮލަރު ޖަމާކޮށްދެއްވާނެކަމަށް ވިދާޅުވި ވާހަކަތަކަކީ ބޮޑެތި ޖޯކުތަކެވެ. އެ ވާހަކަތައް ދިވެހީން އަޑު އަހައި ސިފަކުރަނީ، ހޮޅުއަށީގައި ކިޔާ "ބޮޑުގޮހޮޑާ ވާހަކަ"އާ އެއް ފަދައިންނެވެ. މި ފަދަ ވާހަކަތަކުން ރައްޔިތުން ހައްލައިގެން ވޯޓު ހޯދި ޒަމާން ފާއިތުވެއްޖެއެވެ. ކަށަވަރުން ވެސް އެ ވާހަކަތަކަކުން ލިބުނު ވޯޓެއް އޮންނާނެކަމަކަށް ނުދެކެމެވެ. އެހެނަސް ވިއްޔާ ވާނީ ގެއްލުމެވެ. 2 މާރިޗު 2026: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް އަރިމަތީގައި ހިސާބު އަދަދެއް ޖަހައިގެން މި ފަދަ އެތައް ސަބަބެއް ލިޔެވިދާނެއެވެ. އެހެނަސް ކުރުކޮށްލާނަމެވެ. މަޖިލީސް މެންބަރުންނަށް ގެއެއްގެ ތެރެއިން ފައިސާ ދޭ ވާހަކައާއި ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެންބަރުންނަށް ކުއްލިއަކަށް ލިބޭ މުއްސަނދިކަން ފަދަ ކަންތައްތައް ބައިވަރެވެ. ޚިޔާނާތާއި ފަސާދައާ ގުޅިފައިވާ އެތައް މައްސަލައެއް ލިޔެވިދާނެއެވެ. ޝަރުއީ ދާއިރާއާ ކުޅުއްވާ ގޮތާއި ގާނޫނު އަސާސީއަށް ގެންނެވި ބަދަލުތަކާއި ގެންނަން ނިންމަވައިފައިވާ އެތައް ބަދަލެއް ހިމެނެއެވެ. އާނއެކެވެ. މިއީ ތަފާސް ހިސާބުތަކާއި ދުނިޔޭގެ ފިލޯސަފަރުންގެ ތަހުލީލީ ނަޒަރިއްޔާތުތަކުގެ މައްޗަށް ބުރަވެ އޭގެ ދިރާސާގެ އަލީގައި ލިޔެފައިވާ ދިރާސީ ލިޔުމެއް ނޫނެވެ. އިސްވެ ލިޔުނު ފަދައިން، މިއީ އަޅުގަނޑުގެ ލޮލަށް ފެނުނު ކަންތައްތަކާއި ރައްޔިތުންގެ ފަރާތުން އިވުނު އަޑުތަކާއި އަމިއްލަ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ މާހައުލުގައި ހިނގާދާ ސިޔާސީ ހާދިސާތަކުގެ ތަސްވީރެކެވެ. މި ތަސްވީރު ކުލަކޮށް ފެންނަ މީހުންނާއި ކަޅާއި ހުދުން ފެންނަ މީހުންނާއި ލޮލަށް ނުފެނުނަސް އިހުސާސުން އެކަން ދެނެގަންނަ މީހުންނާއި ފެނުނަސް ނުފެންނަ މީހުން ތިބޭނެއެވެ. އެހެންކަމުން މި ފަހަރަށް ލިޔަން ގަސްދުކުރި ހިސާބަށް ލިޔެ މި ނިމުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ