ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަހިބި ފެތުރެނީ، މިހައިތަނަށް 17 މަރު

ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް އެއް މިލިޔަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒުކޮށްގެން ވެކްސިން ކެންޕޭނެއް ފަށައިފިއެވެ. މިހައިތަނަށް މި ބަލީގައި 17 ކުދިން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު، އިތުރު 113 މީހަކު މަރުވެފައި ވަނީ މި ބަލީގައިކަން ކަށަވަރުކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އިތުރު 7,500 އަށްވުރެ ގިނަ މީހުން ތިބި ކަމުގައި އިދާރާތަކުން ހާމަކުރިއެވެ.
ބަންގްލަދޭޝްގެ ޞިއްޙީ ވުޒާރާއި، އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ވެކްސިނާ ބެހޭ ޖަމުޢިއްޔާ، ގެވީ ގުޅިގެން ކުރިއަށްގެންދާ މި ކެންޕޭން ފަށާފައިވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު 18 ޑިސްޓްރިކްޓެއްގައެވެ. މި ކެންޕޭންގައި އެންމެ އިސްކަމެއް ދެނީ އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހައިދިނުމަށެވެ. ޚާއްޞަކޮށް، ޤަވާޢިދުން ދޭ ވެކްސިން ފުރިހަމަކޮށްފައިނުވާ ކުދިންނަށް ބަލީގެ
ނުރައްކާ ބޮޑުކަމުގައި ކަމާބެހޭ ފަރާތްތަކުން އިންޒާރުކުރެއެވެ.
ޔުނިސެފުން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރަނާ ފްލާވަރސް ވިދާޅުވީ، ހިމަބިހި ޖެހޭ ކުދިންގެ އަދަދު ކުއްލިއަކަށް އިތުރުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި، މީގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ނިޒާމުގައި ހުރި ބޮޑެތި ހުސްކަންތައްތަކެއް ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.
ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެފައިވާއިރު، ހަސްފަތާލުތައް ތޮއްޖެހި، ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޑަބްލިޔުއެޗްއޯގެ މަންދޫބު ޑރ އަޙްމަދު ޖަމްޝީދު މުޙައްމަދު ވިދާޅުވީ، މި ބަލި ޖެހިފައިވާ މީހުން 56 ޑިސްޓްރިކްޓަކުން ދެނެގަނެވިފައިވީ ނަމަވެސް، ވެކްސިން ކެންޕޭނާ އެކު ބަލި ފެތުރުން ކޮންޓުރޯލު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމުގައެެވެ. މި ކެންޕޭނަކީ، ޢާންމުކޮށް ވެކްސިން ޖަހައިދިނުމަށް ހިންގަމުންދާ މަސައްކަތުގެ ބޭރުން ފަށާފައިވާ ޚާއްޞަ ކެންޕޭނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ