މޯލްޑިވްސް ޒަކާތު ހައުސްއިން "ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.
އެ އިދާރާއިން ބުނި ގޮތުގަައި މިއީ ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި، އިފްތިތާހު ކުރި ކާޑެކެވެ.
މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާހު ކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އަސްނާފު ކާޑަކީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެކެވެ. މިއީ ޒަކާތު ހައުސްގެ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ހޯދޭނެ އެވެ. މި ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ އިރު ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެ އެވެ. އޭގެ ބަދަލުގައި، އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ހިދުމަތް ހޯދޭނެ އެވެ. މީގެ ސަބަބުން އިދާރީ މަސައްކަތްތަކާއި ހިދުމަތް އަވަސްވެ، ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
ކިއުއާރް ކޯޑު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ކާޑު، ޒަކާތުގެ އެހީގެ ނިޒާމުގައި ހިމެނޭ އެހީ ލިބޭ ފަރާތުގެ ވެރިފައިޑް ޕްރޮފައިލާ ސީދާ ގުޅިފައިވާނެ އެވެ. މީގެ ސަބަބުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެހީއަށް ޝަރުތުހަމަވާކަން އަވަހަށް ކަށަވަރުކޮށް، ހާމަކަން ބޮޑު އަދި އިތުބާރު ހުރި ގޮތެއްގައި، ހައްގުވެރީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.
މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ހުށަހަޅާފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެކެވެ. މީގެ މަގްސަދަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުމެވެ.
އަސްނާފު ކާޑު އިފްތިތާހު ކުރުމަކީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ފުރަތަމަ މަރުހަލާ ކަމަށާ ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއަށް ޑިޖިޓަލް ރެކޯޑުތައް ގުޅާލުމާއި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ހޯދޭނެ ގޮތް ހެދުމަށް ވަނީ ރޭވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ. މީގެ ސަބަބުން ޒަކާތް ބެހުމުގައި ޒިންމާދާރުކަން އިތުރުވެ، އެހީ ފޯރުކޮށްދިނުމުގައި ތަކުރާރުވުންތައް ހުއްޓުވައި، ތަފާސްހިސާބުގެ އަލީގައި ނިންމުންތައް ނިންމުމަށް މަގުފަހިވާނެ އެވެ.
ޒަކާތު ހައުސްއިން "ޒަކާތް އަސްނާފު ކާޑު" އިފްތިތާޙުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ