އީރާނަށް އެމެރިކާގެ އެއްގަމު ސިފައިން ނުފޮނުވަން މިހާރު ނިންމައިފިން: ޓްރަމްޕް

ވޮޝިންޓަން (20 މާޗް 2026) : އީރާނާ ހަނގުރާމަ ކުރުމަށްޓަކައި އެއްގަމު ސިފައިން ފޮނުވަން ކުރިން ރޭވިނަމަވެސް މިހާރު އެކަން ކެންސަލް ކޮށްފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ޖަޕާނުގެ ބޮޑުވަޒީރު ސަނާއި ތަކައިޗީ އާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނާ ހަނގުރާމަ ކުރުމަށް އެއްގަމު ސިފައިން ފޮނުވުމަކީ އެމެރިކާ ކުރާނެކަމެއް ނޫންކަމަށާ އެވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމުގައެވެ. ޓްރަމްޕަކީ އޭނާގެ ބަހުގެ އިތުބާރު ހިފޭ ބޭފުޅެއް ނޫނެވެ. އެހެންކަމުން އީރާނަށް ސފައިން ނުފޮނުވާނެކަމަށް ވިދާޅުވުމަށްފަހު އެކަން ކުޑައިރުކޮޅެއްގެ ތެރޭގައި ބަދަލުކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. "އެއްގަމު ސިފައިން އީރާނަކަށް ނުފޮނުވާނެ. އެއްގަމު ސިފައިން ނުފޮނުވައިވެސް އެމެރިކާއަށް އީރާން ފަސޭހައިން ބަލިކުރެވޭނެ. އީރާނުގެ މައްޗަށް ބޮޑު ކާމިޔާބަކުން ކާމިޔާބު ހޯދޭނެ" ޓްރަމްޕް ވިދާޅުވިއެވެ. އެއްގަމު ސިފައިން ނުފޮނުވަން ނިންމި ސަބަބު ޓްރަމްޕް ވިދާޅެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އިސް ޖެނެރަލުންވަނީ އެއްގަމު ސިފައިން އީރާނަށް ފޮނުވުމަކީ އީރާނުން އެމެރިކާ ސިފައިންގެ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރުމުގެ ފުރުސަތު ބޮޑުކަމެއްކަން ތަކުރާރުކޮށް ޓްރަމްޕަށް ދަންނަވާފައެވެ. އީރާންފަދަ ބިޔަ ބޮޑު ގައުމަކަށް އަދި މިލިޔަނެއްހާ ސިފައިންގެ ލަޝްކަރެއް އޮތް ގައުމަކަށް އެމެރިކާގެ ދެހާހެއްހާ ސިފައިން ފޮނުވުމަކީ އެއްވެސް މަގްސަދެއް ހާސިލްނުކުރެވި އެމީހުން މަރުވެ އަސީރުންގެ ގޮތުގައި ހައްޔަރު ކުރުމުގެ ފުރުސަތު ބޮޑުކަމެއްކަން ޓްރަމްޕަށް އަންގާފައެވެ. ޓްރަމްޕް ކުރިންވަނީ އީރާނުގެ ތެލުގެ މައި މަރުކަޒު ކަމަށްވާ ޚަރްޖު ޖަޒީރާއަށް ވައިގެ މަގުން އެމެރިކާގެ ދެހާސް ސިފައިންގެ ލަޝްކަރެއް ފޮނުވަން ތައްޔާރުވަމުންދާކަން އިއުލާން ކުރައްވާފައެވެ. އެއަށްފަހު ހުރުމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ އިތުރު ޖަޒީރާއަކަށްވެސް ވައިގެ މަގުން ސިފައިން ފޮނުވާނެކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވިއެވެ. ނަމަވެސް މިހާރު ޓްރަމްޕް މިވަނީ އެޚިޔާލު މުޅިން ދޫކޮށްލިކަން އިއުލާން ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާން މިހާރުވެސްވަނީ އަސްކަރީ ގޮތުން ގާތްގަނޑަކަށް ބަލިކޮށްލެވިފައެވެ. އީރާނުގެ މިސައިލްތަކުގެ 90 ޕަސެންޓް ހާލުކޮށްލާފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އޭގެކުރިން ޓްރަމްޕް ވަނީ އީރާނުގެ މިސައިލްތަކުގެ ސައްތައިން ސައްތަ ހަލާކުކޮށްލާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އީރާން އަތުގައި ރާޑަރެއް އަދި ޑްރޯނެއްވެސް މިސައިލެއް މިހާރު ނެތެވެ. އީރާނުގެ ނިއުކްލިޔާ ގާބިލްކަންވެސް ވަނީ ފުނޑާލެވިފައެވެ. އަދި އީރާންގެ ލަޝްކަރުތަކުގެ މީހުންވެސްވަނީ ލައްކައިން މަރާލެވިފައެވެ. ހަނގުރާމަ ކުރާނެ މަދު އަދަދެއްގެ ސިފައިންކޮޅެއް ނޫނީ އީރާންގައި މިހާރު ނުތިބޭނެއެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާއަކީ ދުނިޔޭގެ އެފަދަ ދެވަނަ އެއްނެތް ބާރެވެ. އެމެރިކާ ބޭނުންނަމަ ބަރާބަރު ދެގަޑީއިރު ތެރޭގައިވެސް އީރާން ބަލިކޮށްލެވިދާނެއެވެ. ހަނގުރާމަ ކުޑަތަންކޮޅެއް ދިގުލައިގެން ދިޔައީ އެގޮތަށް ކަންތައް ކުރަން އޭނާ ބޭނުންނުވާތީއެވެ. ޓްރަމްޕް މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް އީރާނުން ބަންދުކޮށްފައިވާ ހުރުމުޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އެސަރަހައްދަށް އެމެރިކާގެ އަސްކަރީ މަނަވަރުތައް ފޮނުވަން ނުކެރޭ ސަބަބު ބުނެދިނުމަށް ޓްރަމްޕް ވަނީ ފަސްޖެހިފައެވެ. އަދި އީރާން އާ އެތަށް ސަތޭކަ މޭލެއްގެ ދުރަށް އެމެރިކާގެ ހުރިހާ އަސްކަރީ މަނަވަރުތައް ގެންދިޔަ ސަބަބުވެސް ބުނެދެވިފައެއް ނުވެއެވެ. އަދި ހުރުމުޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި ޔޫރަޕްގެ ގައުމުތަކާއި ޖަޕާނާއި އޮސްޓްރޭލިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގެ އެހީއަށް އެދެން ޖެހުނު ސަބަބެއްވެސް ޓްރަމްޕަށް ބުނެދެވިފައެއް ނުވެއެވެ. އީރާނުގެ ހުރިހާ މިސައިލްތަކެއް ހަލާކޮށްލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާއިރު ގަލްފުގައިވާ އެމެރިކާގެ މަސްލަހަތުތަކަށާއި އިސްރާއީލުގެ އެކި އަމާޒުތަކަށް އީރާނުން ހުއްޓުމެއްނެތި މިސައިލް ހަމަލާތައް ދެނީ ކޮންގޮތަކަށް ކަންވެސް ޓްރަމްޕް އަށް ބުނެދެވިފައެއް ނުވެއެވެ. މިފަދަ ސުވާލުތައް ކުރާ ނޫސްވެރިން މަރަންޖެހޭކަމަށް ޓްރަމްޕް ވަނީ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ