އަންނަ އަހަރުން ދައްކަން އޮތް ބޮޑު ދަރަނީގެ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާ ގޮތް އެނގެން ޖެހޭ: ނަޝީދު އަންނަ އަހަރުން ދައްކަން އޮތް ބޮޑު ދަރަނީގެ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާ ގޮތް އެނގެން ޖެހޭ: ނަޝީދު

އަންނަ އަހަރު ދިވެހި ދައުލަތުގެ ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަންޏާއި ސުކޫކަށް ދައްކަން ޖެހޭ ފައިސާ ހިމެނޭހެން އަންނަ އަހަރު ދައްކަން އޮތް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކޮށް އެކަމުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައި އޮތް ގޮތް އެނގިފައި އޮންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރީ 205 މިލިއަން ޑޮލަރު ކަމަށެވެ. އެއާއެކު ދެން ފާހަގަކުރެއްވީ، އަންނަ އެޕްރީލް މަހު ސުކޫކު ޕޭމަންޓަށް އެކަނި 525 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމެވެ.
"2026 ގައި އަނބުރާ ދައްކަންޖެހޭ އެހެން ދަރަނި ވެސް އެބަހުރި. ކޮންމެހެން އިމްޕޯޓުކުރަން ޖެހޭ ތަކެތީގެ އަގު ވެސް އަދާކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
މި ދަތިތަކުން އަރައިގަތުމަށް ދިވެހި ދައުލަތުން އިތުރު ބޮންޑެއް ވިއްކަން ވިސްނާނަމަ އެކަމަށް ވެސް ހުރަސްތަކެއް ހުރިކަން ނަޝީދުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ފާހަގަކުރެއްވީ މިވަގުތު "ޖަންކު" ގައި އޮތް ރާއްޖޭގެ ކްރެޑިޓް ރޭޓިން އެވެ.
މީގެ އިތުރުން، ދަރަނި ދައްކަން ބޭރު ގައުމުތަކުގެ އެހީ ހޯދާނަމަ އެކަން މިހާރު އޮންނަން ވާނީ ކަށަވަރުވެފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވީމާ މި ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާ ގޮތަކީ. ސްޓްރެޓެޖީ އަކީ ކޮބާކަން އެނގިފައި އޮތުން ބޭނުން،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ދަރަންޏާއި ސުކޫކާއި ގުޅޭގޮތުން މީގެ ކުރިން ވެސް ނަޝީދު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާ އެކި ހިޔާލުތައް ފާޅުކުރައްވާފަ އެވެ. އެގޮތުން ސުކޫކު ދެއްކުމަށް އިތުރު ބޮންޑެއް ވިއްކުމުގެ ބަދަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ ވިއްކައިގެން އެ ފައިސާ ހޯދުމަކީ މާ ރަނގަޅު ގޮތެއް ކަމަށް ނޮވެމްބަރު ކުރީކޮޅު އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ވިސްނާފައި އޮތީ "ސަސްޓެއިނަބަލް ފައިނޭންސް އިންސްޓްރޫމަންޓް" އެއް ބޭނުންކޮށްގެން ސުކޫކު ރީފައިނޭސްކުރަން، ނުވަތަ އެ ނޫން ވެސް ގޮތަކުން ރީފައިނޭންސް ކުރާށެވެ. އަދި އޭގެން ބައެއް ސޮވްރިން ޑިވެލޮޕްމަންޓު (އެސްޑީއެފް) ގައި ހުރި ފައިސާއިން ދެއްކުމަކީ ވެސް ސަރުކާރުގެ ޕްލޭނުގައި ހިމެނޭ ކަމެކެވެ.
ސަރުކާރުން ސުކޫކު ރީފައިނޭންސް ކުރާއިރު، ހެޔޮ އަގެއްގައި ރީފައިނޭންސް ކުރަން ދަތިވާނެ އެވެ. ސަބަބަކީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމެވެ. ރޭޓިން ދަށް ދުވަސްވަރެއްގައި ދަރަނި ނަގާނަމަ، ދަރަނި އަދާކުރުމުގެ އަގު ބޮޑު ވާނެ އެވެ.
ދިވެހި ސަރުކާރަށް ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑު ކަމަށް ބަލައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދެމެހެއްޓީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
"ސީއޭއޭ-1" ގައި މިދިޔަ އަހަރުގެ މެދުތެރޭ ހުރި ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.
މިއަދު ނެރުނު ރޭޓިން އެކްޝަންގައި ވެސް އެ ރޭޓިން އަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް، ކުރިން "ނެގެޓިވް" ގައި އޮތް ރޭޓިން އައުޓްލުކް މިހާރު ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. އޭގެ މާނައަކީ ރޭޓިންއަށް ބަދަލެއް އައުމުގެ ފުރުސަތެއް ނެތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ