ޕެޓްރޯލުގެ އަގު އުފުލޭއިރު ޓެކްސީގެ އަގު ހިފަހައްޓައި ބުރަ އުފުލަންޖެހުމަކީ އިންސާފެއްނޫން: ޑްރައިވަރުން

ޕެޓްރޯލުގެ އަގު އުފުލެމުންދާއިރު ޓެކްސީ ދަތުރުތަކުގެ އަގު ހިފަހައްޓައި، އޭގެ ހުރިހާ މާލީ ބުރައެއް ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ނޫންކަމަށް ބުނެ ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސްޓީއޯއިން 2026 މާރޗް 05 ގައި ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، އިގްތިސާދީ ގޮތުން އެތައް ދަތިތަކެއް ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވަމުންދާ ކަމަށެވެ. ތެލުގެ އަގާއި ދިރިއުޅުމުގެ ޢާންމު ޚަރަދުތައް އިންތިހާއަށް އުފުލެމުންދާއިރު، ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނީ، މި ޚިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ވޭތުވެދިޔަ ދިގު މާޒީގައި އަޅާފައި ނުވާ ކަމަށެވެ. އަދި ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ."ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގައި ތެލުގެ އަގު ބަދަލުކުރި ނަމަވެސް، ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމުގެ ޚަރަދުތައް ދެނެގަނެ، ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ޑްރައިވަރުންނަށް ފަހި، އަވަސް ފިޔަވަޅުތަކެއް އަޅަމުން ނުދާކަމީ ހިތާމަހުރި ކަމެއް،" ޑްރައިވަރުންގެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.އެ ޖަމިއްޔާއިން ދެކޭގޮތުގައި، މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކަށް އޮތް ހައްލަކީ ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމެވެ. އެހެން ނޫންނަމަ، މި މަސައްކަތުން އާމްދަނީ ހޯދައިގެން މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކެއްގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު ރަސްމީކޮށް އެދިފައިވާނެ ކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ނިންމުންތައް ނިންމަންވާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށާއި، މިހާރުގެ އަގުތަކުގައި ޚިދުމަތް ދިނުމަކީ ޑްރައިވަރުންނަށް އުނދަގޫ ކަމެއްކަން ސަރުކާރުން ގަބޫލުކުރަންޖެހޭ ކަމަށްވެސް ބަޔާނުގައިވެއެވެ.ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދީފިނަމަ، ޑްރައިވަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ބޮޑުވެ، އޭގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަމާބެހޭ މުއައްސަސާތަކުން ކަމަށެވެ. އެހެންކަމުން، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިކަމަށް ދާއިމީ އަދި އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ