ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ވިޒުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) އޮޕަރޭޝަންތައް ވަގުތީ ގޮތުން މަޑުޖައްސާލައި ސްޕެޝަލް ވީއެފްއާރު ޕްރޮސީޖާތައް ތަންފީޒުކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން މިއަދު ބުނީ މިދުވަސްވަރު މާލެ ސަރަހައްދުގައި ހޭޒްގެ އަސަރު ބޮޑުވެ، ދުރު ފެންނަ ނިސްބަތް ނުވަތަ ވިޒިބިލިޓީ 4 ކިލޯމީޓަރަށް ދަށްވާ ކަމަށާއި ބައެއް ދުވަސްތަކުގަައި ވިޒިބިލިޓީ 2 ކިލޯމީޓަރަށް ދަށްވާ ކަމަށެވެ.
ތަފްސީލް - ލޮލަށް ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީގެ މައްޗަށް ބިނާކޮށް ދަތުރުކުރުމުގެ އުސޫލުގެ އެންމެ ދަށް މިންގަނޑަށް ވުރެ ވިޒިބިލިޓީ ދަށްވެއްޖެ ނަމަ ވީއެފްއާރު އޮޕަރޭޝަންތައް ހާލަތު ރަގަޅުވަންދެން ހުއްޓާލަ އެވެ.
ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ އާންމު ވީއެފްއާރު މިންގަނޑަށް ވުރެ ދަށްވި ނަމަވެސް ސްޕެޝަލް ވީއެފްއާރު އުސޫލުގެ ދަށުން ކޮންޓްރޯލް ޒޯނެއްގެ ތެރޭ ބޯޓު ދަތުރުކުރުމުގެ ފުރުސަތު ދެ އެވެ.
އެއާޓްރެފިކް ކޮންޓްރޯލު (އޭޓީސީ)ގެ ސީދާ ހުއްދަ ލިބިގެން މިގޮތަށް ދަތުުރުކުރެވޭއިރު، ވީއައިއޭގައި މި އުސޫލު ބޭނުންކުރަނީ ސަލާމަތީ ފިޔަވަޅުތައް ދަމަހައްޓައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓުކޮށްފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކު ރާއްޖޭގައި އޮޕަރޭޓު ކުރާއިރު މިއީ މުޅިން ވެސް ވީއެފްއާރު ނުވަތަ ލޮލަށް ފެންނަ މިންވަރަށް ބަރޯސާވެގެން ކުރާ ދަތުރުތަކެކެވެ. ހޭޒްގެ ސަބަބުން ދުރު ފެންނަ ނިސްބަތް ދަށްވުމާ އެކު ސީޕްލޭން ދަތުރުތަކަށް ވެސް އޭގެ އަސަރު ކުރަމުންދާ ކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ނުލިބެ އެވެ.
ފާހަގަ ކުރެވޭ - މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން އިއްޔެ ބުނީ ފާއިތުވި 7 ދުވަހުގެ ތެރޭ ހޭޒްގެ އަސަރު އެންމެ ބޮޑަށް ކުރީ އިއްޔެ ކަމަށާއި އިއްޔެ ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށް ދަށްވި ކަމަށެވެ. ކުރިއަށް އޮތް ފަސް ދުވަހު ވެސް ހޭޒްގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.
ހޭޒްގެ ސަބަބުން ވައިގެ އުދުހުންތަކަށް ވެސް އަސަރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ