ރަށު މޭޔަރުންގެ ބަސް: މަރުކަޒީ މުސީބާތުން ސަލާމަތްވާން އޮތް ހައްލަކީ އެމްޑީޕީ ރަށު މޭޔަރުންގެ ބަސް: މަރުކަޒީ މުސީބާތުން ސަލާމަތްވާން އޮތް ހައްލަކީ އެމްޑީޕީ

ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، މުޅި ރާއްޖެ އަލުން މަރުކަޒީ ބާރުވެރިކަމެއްގެ ދަށަށް ގެންދަން ކުރާ މަސައްކަތާ ދެކޮޅަށް ރާއްޖޭގެ ސިޓީތަކުގެ މޭޔަރުން ތެދުވެ، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕޭން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި، މޭޔަރުން ވަނީ މި ސަރުކާރަށް ވޯޓު ނުދޭންވީ ސަބަބުތަކާއި، ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ތަފްސީލުކޮށްދެއްވާފައެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހެޔޮ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ބާރުތައް "ދަމައިގަންނަން" މަސައްކަތް ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު. -- ފޮޓޯ: މުހައްމަދު ޝަހުޒާން/ އަދަދު
"މިއަދާ ހަމައަށް އައިއިރު ސަރުކާރު ލާމަރުކަޒީ ގާނޫނަށް ހެޔޮ އެއްވެސް ބަދަލެއް ގެސްފައި ނެތް. ގެނައި ކޮންމެ އިސްލާހަކީ ބާރުތައް ދަމައިގަތުމަށް ކުރެވުނު މަސައްކަތް،" ނިޒާރު ވިދާޅުވި އެވެ.
"ކައުންސިލްތައް ބާރުވެރި ކުރުވަން ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ނެތް."
މިގޮތަށް ލާމަރުކަޒި ނިޒާމު ހަލާކުކޮށްލުމަށް ފަހު ޕީއެންސީގެ ކެންޑިޑޭޓުން "ލަދެއް ހަޔާތެއް ނެތި" ވޯޓު ހޯދަން އެދޭ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއަށް "ގާބުރިއެއްވެސް ހަލުވާނުލައި" އޮތް އިރު، ސަރުކާރަށް ވޯޓު ދިނުމަކީ އެފަދަ އިހުމާލުތަކަށް ރުހުން ދިނުން ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ތިލަފަތަށް ވޯޓު ދިނުމަކީ މުސްތަގުބަލަށްޓަކައި މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލީ މި ނިޒާމު ހަރުދަނާކުރަން މަސައްކަތް ކުރި ތަޖުރިބާކާރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ނިޒާރު ވިދާޅުވިއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، މި ސަރުކާރުން އެމްޑީޕީގެ "ރަން ރީނދޫ ލަޝްކަރު" ދެކެ ބިރުން މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާ ކަމަށެވެ. ނަމަވެސް ތިނަދޫ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެނާ ދެއްވި އެވެ.
ތިނަދޫ މޭޔަރު ސައުދު
މި ރާއްޖެއަށް އައި ހުރިހާ ހެޔޮ ބަދަލެއްގެ ފަހަތުގައި އޮތީ އެމްޑީޕީގެ ގުރުބާނީ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ރާއްޖެ ވެރިކަމުގައި އެމްޑީޕީ ނޯންނަ ކޮންމެ ފަހަރަކު ވެރިކަމާ ހަވާލުވަނީ ކަނޑުފޭރޭ ވަގުންތަކެއް،" ސައުދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި އެބަޖެހޭ ތެދުވަން."
އޭނާ އިތުރަށް ފާހަގަކުރެއްވީ، އޭޕްރީލް 4 ވަނަ ދުވަހަކީ ރައްޔިތުން ނުކުމެ ވޯޓުން މިކަން ބަދަލުކުރާނެ ދުވަސް ކަމަށެވެ. ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި، މިހާރު ސަރުކާރުން އަތުލާފައިވާ ރައްޔިތުންގެ ހުރިހާ ބާރުތަކެއް އަނބުރާ އިޔާދަކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އައީ އެމްޑީޕީން ކުރި ބުރަ މަސައްކަތުން ކަމަށާއި، ވާދަވެރި ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރީ މި ނިޒާމު ފުނޑާލަން ކަމަށެވެ.
ފުވައްމުލަކު މޭޔަރު އިސްލާއީލް ރަފީގު އެމްޑީޕީގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
އެމްޑީޕީން ހޯދި ކާމިޔާބީތަކުގެ ތެރެގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމާއި، ރަށުގެ ބިމަށް ކައުންސިލްގެ ބާރު ދިނުމާއި، ވެހިކަލް ފީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހެދުން އޭނާ ފާހަގަ ކުރެއްވި އެވެ.
"ރަށުގެ ބިމަށް ކައުންސިލްތަކުގެ ބާރު ހިނގާގޮތްވި. ވިޔަފާރި ކުންފުނިތައް އުފައްދައި މާލީ ގޮތުން ބާރުވެރިވުމަށް ފުރުސަތު ލިބުނު. ބްލޮކް ގްރާޓު ކައުންސިލްތަކުން ބޭނުން ގޮތަކަށް ހަރަދުކުރަން ދިން. ވެހިކަލް ފީ ކައުންސިލްތަކަށް ދިން. ކައުންސިލްގެ ބަޖެޓުން ޑަބްލިޔޫޑީސީއަށް ފަސް ޕަސެންޓު ހަމަޖެއްސި،" ސައުދު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ކައުންސިލްތަކަކީ މުހިއްމު އިދާރާތަކެއް ނޫން ކަމަށް ދައްކައި، އަތޮޅު ކައުންސިލްތައް އުވާލައި، މަރުކަޒީ ބާރުގެ ދަށަށް ކަންކަން ގެންދާ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
"މާލޭގައި ހުންނަ އޮފީހަކުން އަޅުގަނޑުމެން ކަންކުރަންވީ ގޮތް ބުނުމަށް 'ނޫނެކޭ' ބުނަން ބޭނުން ނަމަ އެމްޑީޕީއަށް ވޯޓު ދެއްވާ،" އިސްމާއީލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ވަރުގަދަ ކުރިމަތިލުމެއް ކަމަށެވެ.
އެމްޑީޕީއަކީ ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް އެންމެ ބޮޑަށް ދަންނަ ޕާޓީއެއްކަން ފާހަގަ ކުރައްވައި، އެމްޑީޕީގެ ސިޔާސަތުން ގެނުވި ހެޔޮ ބައެއް ބަދަލުތަކުގެ ހަނދާން އޭނާ އެނާ އާކުރެއްވި އެވެ. އޭގެ ތެރެގައި ފޮތް ލިސްޓަށް ސަލާންޖެހުމުގެ ސަގާފަތް ނައްތާލުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ތެރެއިން ދުވަސްވީ މީހުންނާއި، އެކަނިވެރި މައިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން އެނގެނީ އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ މޭޔަރު އާތިފް. -- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު
ރައްޔިތުން "ރަށު ބަންދުން" ވީއްލައިދިނީ އެމްޑީޕީން ކަމަށާއި، ނިކަމެތި އާއިލާތަކުގެ ދަރިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނީ ވެސް އެ ޕާޓީންކަން އާތިފް ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއްކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅި ރާއްޖެ މަރުކަޒީ ކުރުމަށް ކަމަށެވެ. ހާއްސަކޮށް 'ރަސްމާލެ' މަޝްރޫއާއެކު އާބާދީގެ ބޮޑުބައެއް އެއްތަނަކަށް ޖަމާކުރުމަކީ ރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ނެތީމު މާލޭގައި އިންނަ ކޮޓަރިއަކުން އަމުރު މައުރޫފް ހިންގާ ބަޔެއްގެ އަމުރަށް ކުޅުދުއްފުށީގެ ކަންކަން ބައްޓަން ކުރަން. ކުޅުދުއްފުށީގެ ރައްޔިތުން މިފަހަރު ބޮޑު ޖަވާބެއް ދޭނެ،" އާތިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ