ދުނިޔޭގެ ޙަޔާތުގައި ގިނައިން ކުރިމަތިވާނީ ތިބާގެ ހިތް އެކަމެއް ވުމަށް ނުއެދޭ ކަންތައްތަކެވެ. އެކަމެއްވުމަށް އެދޭ ކަންތައްތައް ބައްދަލުވާނީ ވަރަށް މަދުންނެވެ. އެހެންވެ ގިނައިން މެދުވެރިވާނީ ހިތްދަތިވާނެ ކަންކަމެވެ. އުފާވެރިކަން ލިބޭނެ ކަންކަން ބައްދަލުވާނީ މަދުންނެވެ. އަހުރެމެންނަށް އޮތީ އެކަމަށް ވިސްނައި ތައްޔާރުވެގެން ތިބުމެވެ.
އަދި ކީއްހެއްޔެވެ؟ މިއީ ދުނިޔެ ހިނގަމުންދާގޮތެވެ. ދުނިޔޭގައި ކަންކަން މެދުވެރިވާނެ ގޮތެވެ. އެކަންކަން އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެނަސް އެކަން އެގޮތަށް މެދުވެރިވާނެކަން ޤަބޫލުކޮށްގެން އުޅެން މަސައްކަތްކުރާނަމަ ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވިދާނެއެވެ. އެކަމަށްޓަކައި ފުރަތަމަ ކުރަން ޖެހޭކަމަކީ މިއީ ދުނިޔޭގެ ޙަޔާތުގެ ޙަޤީޤަތްކަމަށް ޤަބޫލުކުރުމެވެ. މި ޙަޤީޤަތާއި ކުރިމަތިލައިގެން ދިރިއުޅެން މަސައްކަތްކުރުމެވެ.
ބައެއް މީހުން ލޯބިވެރިޔާ ގާތުގައި ބުނާނެއެވެ! ވަޢުދުވެސްވާނެއެވެ! ކަލާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާނަމެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ކޮންމެ މީހަކު އެގޮތަށް ބުނިނަމަވެސް ގިނަ ފަހަރު އެއީ ބުނެވޭ ތެދެއް ނޫނެވެ. އެވާހަކަ އެގޮތަށް ޔަޤީންނުކުރާށެވެ! ޙަޤީޤަތަކީ ކިތަންމެ ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރި ނަމަވެސް މައްސަލަތައް ކުރިމަތިވާނެކަމެވެ. ހިތުގައި ޖެހި ދެރަވާންޖެހޭ ކަންކަންވެސް ކުރިމަތިވާނެ ކަމެވެ. އެކަކު އަނެކަކަށް ކުށްވެސް ކުރެވޭނެ ކަމެވެ.
އެކުވެރިންނޭވެ! ބަލަންވީ އެއްވެސް ޙާލަތެއް ކުރިމަތިނުވާނެ ކަމަކަށް ނޫނެވެ. މިޘާލަކަށް ބުނާނަމަ ކަންބޮޑުވުމާއި ހިތްދަތިވުމާއި ކުރިމަތިލާންޖެހޭ މިންވަރަށެވެ. ޢަދަދަށެވެ. ގިނައިން އެފަދަ ކަންކަން ކުރިމަތިވާނަމަ އެއީ މައްސަލައެކެވެ. މަދުން ކުރިމަތިވާނަމަ އެހުރެވެނީ ވަރަށް ހެޔޮ ޙާލުގައެވެ. ދިރިއުޅެމުން އެގެންދެވެނީ އުފާވެރިކަމާއިއެކުގައެވެ. ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރުމުން އެފަދަ ކަންކަން މެދުވެރިވުން މަދުވެސް ކުރެވޭނެއެވެ.
މިޙަޤީޤަތްތަކުގެ މައްޗަށް ބުރަވެ ހުރެ ބުނަން ޖެހެނީ ޒަވާޖީ ހަޔާތުގައި ކުދިކުދި މައްސަލަތައް ޖެހޭކަން އެނގުމުން އެއީ ބޮޑު ކަމަކަށް ހަދައިގެން ދެމަފިރިންގެ ދެމެދަށް ވަންނަން މަސައްކަތްކުރާ މީހުންނަށް ފުރުޞަތުނުދޭށެވެ. އެފަދަ މީހުންގެ ބަހަށް ހެއްލެވިއްޖެނަމަ ގިނަ ފަހަރު އޮންނާނީ ޖެހޭ މައްސަލަތައް މާބޮޑުވެފައެވެ. މާހިތްދަތިޙާލުގައި ދިރިއުޅެންޖެހިފައެވެ.
އެފަދަ ޙާލުގައި މާބޮޑަށް ލީބިވާކަމަށާއި މާބޮޑަށް ލޯބިދޭނެ ކަމަށް ބުނެ މާއުފަލުގައި ގެންގުޅޭނެ ކަމަށް ބުނާ ބައަކުވެސް އުޅޭނެއެވެ. އެކަމަކު އެބުނާބުނުން ޙަޤީޤަތަކަށް ހެދޭނީ ސަތޭކައަކުން މީހަކަށްހައި މަދު ބައަކަށެވެ. ކަންކަން ކުރާނީ މާގޯސްކޮށެވެ. ދޭނީ މާބޮޑު ހިތާމައެކެވެ.
- އަލަފް / މިއަދުނޫސް
ދެމަފިރިއެއްގެ ދެމެދުގަ ކިތަންމެ ކުޑަ ކަމެއް ހިނގިކަން އެނގުނަސް ދެމެދަށް ބޭނެން އުޅޭ މީހުންނަކީ ތޮރުފިން! ދޭލަނޑު މާބޮޑުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ