މިމަސް ނިމުމުގެ ކުރިން އަތޮޅުތަކަށް ލޯންޗުތައް ފޮނުވައި ނިމޭނެ: ނާޒިމް
މި މަސް ނިމުމުގެ ކުރިން އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް ފޯރުކޮށްދީ ނިމޭނެ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން ލޯންޗުތައް ލިބިފައިނުވާ ހަތް އަތޮޅަކަށް ލޯންޗު ފޮނުވައި ނިމޭނެ ކަމަށެވެ. ނާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ރަށްރަށަށް ޒިޔާރަތްކުރުމާއި ޚިދުމަތްތައް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. "މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު، އެއީ ހުވަދު އަތޮޅު، ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށްދެވޭނެ. ބާކީ އިން ހަތަރު އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ،" ނާޒިމް ވިދާޅުވިއެވެ. "މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އައުޓްރީޗް ޕްރޮގްރާމްތަކާއި މިގެންގުޅޭ މަސައްކަތަށް ލުއިކަން ލިބިގެންދާނެ. ޚާއްސަކޮށް ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތެއްގައި ކުރަން ޖެހޭ ދަތުރުތައް މި ލޯންޗުތަކުން ކުރެވިގެންދާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ. https://x.com/MoHmv/status/2012463162042315083 ހެލްތު މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލުންދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)އާއި މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށެވެ. މި ލޯންޗުތަކުގެ ސަބަބުން ވެކްސިން ފޯރުކޮށްދިނުމާއި ލެބޯޓަރީ ސާމްޕަލް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެ ކަމަށާއި، ކުއްލި ހާލަތުގަިއ ބަލިމީހުން އުފުލަންޖެހިއްޖެ ނަމަ އުފުލުމަށްވެސް މި ލޯންޗުތައް ބޭނުންކުރެވޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ، މި މަސައްކަތުގެ ދަށުން ތިން ލޯންޗެއް މާލެ ގެނެސްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މޯލްޑިވްސް ހެލްޕްލައިންގެ ދަށުން އެކި ބޭނުންތަކަށް ފަރުމާކޮށްފައިވާ ވިހި ލޯންޗު ހުރިހާ އަތޮޅުތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. ހުވަދުއަށާއި ފުވައްމުލަކަށް 42 ފޫޓުގެ ދިގު ސްޕީޑުބޯޓުތައް ފޯރުކޮށްދޭއިރު، އެހެން ހުރިހާ އަތޮޅަކަށް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގު ލޯންޗުތަކެއް ކަމަށް، މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ