މޯލްޑިވިއަން އިން ލަންކާ އަށް ފެށި ދަތުރުތައް ހުއްޓިފައި އޮންނަތާ ދެ އަހަރު ވަނީ!

ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅެމުން އަންނަަ ސްރީ ލަންކާގެ ކޮލަންބޯ އަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ސީދާ ދަތުރުތައް އެންމެ ފަހުން ފެށީ 2024 އޭޕްރީލް 25 ވަނަ ދުވަހު އެވެ. ނަމަވެސް ދަތުރުތައް ފެށިތާ ގިނަ މަސްތަކެއް ނުވެ މާލެ- ކޮލަންބޯ ދަތުރުތައް މޯލްޑިވިއިން ވަނީ ހުއްޓާލައިފަ އެވެ. އަލުން ދަތުރުތައް ނުފަށާ ލަސްވަމުން ދާތީވެ އެކަމުގެ ކަންބޮޑުވުން ދިވެހިން އަންނަނީ ކުރަމުން ނެވެ. މޯލްޑިވިއަންގެ ކޮލަމްބޯ އަށް ދަތުރުކުރިއިރު ދެކޮޅު ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 165 ޑޮލަރެވެ. ކޮލަމްބޯ އަކީ ބޭސްފަރުވާ އަށް ދިވެހިން ދަތުރުކުރާ ގައުމަކަށް ވާއިރު، އެކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން 2024 އޭޕްރީލްގައި ފެށީ ސީދާ ދަތުރުތަކުގައި "މޯލްޑިވިއިން" ދަތުރުކުރާ ނަމަ ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ހާއްސަ ލުއިތަކެއް ވެސް ފަހިކޮށްދިނެވެ. އެގޮތުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ބެލުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ސެކަލާއި ފެނުމުގެ ޓެސްޓު ހެއްދޭނެ އިންތިޒާމް ހަމަޖެއްސި އެވެ. އަދި މޯލްޑިވިއަންގެ ފަސިންޖަރުންނަށް އޯޕީޑީއިން ހެއްދޭ ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓާއި އެކްސްރޭއިން ފަސް ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު މާޗު 2022 ގައި މޯލްޑިވިއަން އެއާލައިނުން ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ވެސް ދަތުރު ފެށި އެވެ. އެކަމަކު، އެ ފަހަރު ތަރުހީބު ކުޑަކަމުން ހަފުތާއެއް ވެސް ނުވަނީސް އެ ދަތުރުތައް މެދުކަނޑާލީ އެވެ. މިފަހުން މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސާ ދެމެދު ވަނީ މުހިންމު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައިފަ އެވެ. މި ޕާޓްނާޝިޕާ އެކު، ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ލުޔަކީ ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ޑޮމެސްޓިކް އެއާޕޯޓަކުން ވިޔަސް އިންޓަނޭޝަނަލް ކަނެކްޓިން ފްލައިޓްތައް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހުމެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ އެކި ރަށްރަށަށް ނުވަތަ ޑޮމެސްޓިކް އެއާޕޯޓުތަކަށް އޮންނަ ކަނެކްޓިވިޓީ ވަރުގަދަކޮށް، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ."ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ނެޓްވޯކާއި އަޅުގަނޑުމެންގެ ޑޮމެސްޓިކް ދަތުރުތައް ގުޅާލުމުން، ޓޫރިޒަމް ކުރިއެރުވުމަށާއި ދިވެހިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ